މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އެމްޑީޕީން މޯލްޑިވިއަން މެދުވެރިކޮށް ކުރި ދަތުރުތަކަށް ދައްކަން ޖެހޭ 5.6 މިލިއަން ރުފިޔާ ނުދައްކައިގެން އެ ޕާޓީއާ ދެކޮޅަށް އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

މޯލްޑިވިއަނުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އިއްޔެއެވެ. އެކަމަކު، އެ މައްސަލަ އަދި ބަލައިގަތް ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނޫނެވެ.

Ad
rt

މޯލްޑިވިއަނުން އެމްޑީޕީ އަށް ސިޓީގައިވާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅާއި އޮކްޓޯބަރު މަހުގެ ކުރީކޮޅުގައި އެމްޑީޕީން ނަގާފައިވާ ޓިކެޓާއި ޗާޓަރު ދަތުރުތަކަށް ދައްކަން ޖެހޭ 5.6 މިލިއަން ރުފިޔާ އެބަހުއްޓެވެ. އެގޮތުން ބައެއް ދުވަސް ދުވަހު މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ދަތުރުކޮށްފައިވެއެވެ. އޭގައިވާ ގޮތުން ނަމަ، އެންމެ ގިނަ އަދަދަކަށް ޓިކެޓާއި ޗާޓަރު ދަތުރު ކުރީ މިދިޔަ ސެޕްޓެމްބަރު 26 ގައެވެ. އެ ދުވަހުގެ ދަތުރުތަކަށް 1،073،756ރ. އެމްޑީޕީން ދައްކަން ޖެހެއެވެ.

އޭރު ޓިކެޓާއި ޗާޓަރު ދަތުރުތައް އެމްޑީޕީއަށް ހަމަޖައްސާފައި ވަނީ ހިދުމަތް ދޭތާ 48 ގަޑިއިރު ތެރޭ ފައިސާ ދައްކާ ގޮތަށް ކަމަށްވެއެވެ. އެކަމަކު، އެގޮތަށް އެމްޑީޕީން އަމަލުކޮށްފައެއް ނުވެއެވެ. އެހެންވެ، ފައިސާ ދައްކަން އެމްޑީޕީ އަށް އައިލެންޑް އޭވިއޭޝަނުން އެންމެ ފަހުން ދިން މުއްދަތަކީ މިދިޔަ ފެބްރުއަރީ 18 ގެ ކުރިންނެވެ.

މީގެކުރިން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އޭރު އޮތް ޑީއާރުޕީން ކެމްޕެއިނަށް އައިލެންޑް އޭވިއޭޝަން މެދުވެރިކޮށް ކުރި ދަތުރުތަކަށް ފައިސާ ނުދެއްކި މައްސަލަ ވެސް ބޮޑުވިއެވެ.