ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ "ނެއްލައިދޫ އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތް 1445 " ޝަރަފްވެރި އެއްވަނަ ހޯދައި އަލިގަދަ ތަރީގެ މަގާމް މިންހާ ޢަބްދުލްމުޙައިމިން ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލް ކުރިއަށް ގެންގޮސްފައި ވަނީ ދެ ރެއަކަށް ބަހާލައިގެންނެވެ. ފައިނަލުގެ ފުރަތަމަ ކިޔުން އޮތީ ބުރާސްފަތި ދުވަހުގެ ރެއެވެ. މުބާރާތުގެ ދެވަނަ ކިޔުމާއި ނަތީޖާ ފާޅުކުރުން އޮތީ ރޭ ބޭއްވި ގްރޭން ފިނާލޭ ޝޯގައެވެ. ފައިނަލުގައި ވާދަކޮށްފައި ވަނީ އެންމެ މޮޅު ފަސް ބައިވެރިންނެވެ.
ދެ ރޭ އެއްކޮށް އެންމެ މަތިން މާކްސް ހޯދައި ނެއްލައިދޫގެ ފުރަތަމަ އަލިގަދަ ތަރީގެ މަގާމް ހޯދީ މިންހާ ޢަބްދުލްމުޙައިމިން އެވެ. ދެވަނަ ހޯދީ އާޢިޝަތު މަލްދާއެވެ. ތިންވަނަ އީމާ މުހައްމަދު ޢިމާދު ހޯދިއިރު ހަތަރުވަނަ ހޯދީ ޢާއިޝަތު ސަހާއެވެ. އަދި ފަސްވަނަ ހޯދީ ޢައިޝަތު ރައިޝާއެވެ.
މުބާރާތުގެ އެއްވަނައަށް ވަނީ "ނެއްލައިދޫ އަލިގަދަތަރި ޝީލްޑް" އާއި 30000 (ތިރީސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދީފައެވެ. ދެވަނައަށް އަށް ވަނީ 10000 (ދިހަހާސް ރުފިޔާ) އަދި ތިންވަނައަށް ވަނީ 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ އާބާދީގެ މެދުގައި ޤުރްއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ތަޖުވީދުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކީރިތި ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި ރީތިކޮށް ބަލައިގެން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހު އަށަގެންނެވުމުގެ އިތުރުން ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރިކުރުވުމެވެ.
ރަމަޟާން މަހަކީ ކީރިތި ޤުރުއާން ބާވާލެއްވި މައްސަރަށް ވުމާއިއެކު މިމައްސަރުގައި ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް ދޭންޖެހޭ އަޙައްމިއްޔަތު އިތުރު ކުރުމާއި އެ ރަށުގައި ޙާފިޡުން އުފެއްދުމާއި ރާއްޖެއާ ރާއްޖޭން ބޭރުން ލިބޭ ޤުރުއާން މުބާރާތުގައި އެ ރަށް ތަމްސީލުކުރާނެ ދަރިންތަކެއް ތައްޔާރު ކުރުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!