ގްނަޑާ އަތުން ބާސާ ސަލާމަތް ކޮށްދިނީ ޒުވާން ތަރި ޔަމާލް

IMG_4583

ރޭ ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި ގްރެނާޑާ ބައްދަލުކުރި މެޗުން ގްރެނާޑާ މޮޅުވާން ދަނިކޮށް ބާސާގެ ޒުވާން ތަރި ލެމީން ޔަމާލް ލަނޑުޖަހައި ބާސާ ބަލިން ސަލާމަތް ކޮށްދީފިއެވެ. ބާސާ ދަނޑުގައި ރޭ ކުޅުނު މެޗު ނިމިގެން ދިޔައީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބާސާއިންނެވެ. މި ލަނޑު 14 ވަނަ މިނެޓުގައި ކެންސެލޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޔަމާލްއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރަނާޑާއިން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ސަންޗޭޒް އެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ޕެލަސްޓްރީގެ އެހީތެރިކަމާއި އެކުއެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ޕެލަސްޓްރީ ވަނީ ލަނޑުޖަހައި ފުރަތަމަ ފަހަރަށް ގްރަނާޑާއަށް ލީޑު ނަގައިދީފައެވެ. އޭގެ ތިން މިނެޓް ފަހުން ލެވަންޑޯސްކީ ވަނީ ލަނޑުޖަހައި ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗު އެއްވަރުވިތާ ދެ މިނެޓް ފަހުން ގްރެނާޑާގެ އިގްނާސީ މިކުއެލް ވަނީ ލަނޑުޖަހައި ގްރެނާޑާއަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދީފައެވެ. ބާސާ ބަލިން ސަލާމަތްވީ ރޭ މެޗުގައި މޮޅު ކުޅުމެއް ދެއްކި އުމުރުން 16 އަހަރުގެ ޔަމާލް ޖަހައިދިން ލަނޑުންނެވެ.

ރޭ އެތުލެޓިކޯ މެޑްރިޑް ވަނީ 1-0 ގެ ނަތީޖާއިން ސެވިއްޔާ އަތުން ބަލިވެފައެވެ. މިވަގުތު ތާވަލުގެ އެއްވަނާގައި ރެއާލް އޮތީ 24 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި ޖިރޯނާ އޮތީ 24 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި ބާސާ އޮތްއިރު ބާސާއާއި އެއްވަނާގައި އޮތް ރެއާލާއި ދެމެދު މިހާރު ދިހަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ތާވަލުގެ ހަތަރު ވަނާގައި އެތުލެޓިކޯ އޮތީ 24 މެޗުން ހޯދި 48 ޕޮއިންޓާއި އެކުގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *