އެމްޑީޕީ ޕްރައިމަރީ: ކުޅުދުއްފުށި ދެކުނު ޓިކެޓް އަލީ ވަހީދު ކާމިޔާބުކޮށްފި

Ali Waheed

މިއަދު ކުރިއަށް ދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޓިކެޓް ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަހީދު ކާމިޔާބު ކުރައްވައިފިއެވެ.

މިއަދުގެ ޕްރައިމަރީގައި އެ ދާއިރާ އަށް ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރިއެވެ. އެއީ މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފަތުރުވެރިކަމާބެހޭ ވުޒާރާގެ ނައިބު ވަޒީރަކަށް ހުންނެވި، ހދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަހްމަދު އާތިފްގެ އިތުރުން އިބްރާހީމް ރަމީޒެވެ.

''ތިލަދުން'' އަށް ލިބިފައިވާ ނުރަސްމީ ނަތީޖާއަށް ބަލާއިރު 17 ވަނަ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި އަލީ ވަހީދު ވަނީ ކުޅުދުއްފުށީ ފޮށިން 210 ވޯޓު އަދި މާލެ ފޮށިން 35 ވޯޓު ހޯއްދަވައި، ޖުމްލަ 245 ވޯޓު ހޯއްދަވާފައެވެ.

ދެން އެ ޓިކެޓަށް ވާދަކުރި އާތިފް އަށް ލިބުނީ ޖުމްލަ 112 ވޯޓެވެ. އެއީ ކުޅުދުއްފުށިން 103 ވޯޓު އަދި މާލޭ ފޮށިން  9 ވޯޓެވެ. ރަމީޒަށް ދެ ފޮށިން ޖުމްލަ ލިބުނީ 30 ވޯޓެވެ.

އެ ދާއިރާގެ މިހާރުގެ މެންބަރަކީ އެމްޑީޕީގެ ޖަމްޝީދު މުހައްމަދެވެ. އޭނާ ޕްރައިމަރީގައި ވާދައެއް ނުކުރައްވައެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ ޓިކެޓް ވަނީ ވޯޓާއި ހަމައަށް ދިޔައިރު އިތުރު ނަމެއް ނެތުމުން އެ ދާއިރާގެ މިހާރުގެ މެންބަރު ޔާސިރު އަބުދުއްލަތީފަށް ކުރިން ކަށަވަރުވެފައެވެ.

އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި 20 ވަނަ މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ނަމަވެސް ބައެއް ދާއިރާތަކުގެ ވޯޓުުލުން ވަނީ ހެނދުނު 9:00 ގެ ކުރިން ފަށައިފަ އެވެ.

މި ޕްރައިމަރީގައި ޖުމުލަ 40 ދާއިރާއެއްގައި މިއަދު ބޭއްވިއިރު، ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަ ކުރިއެވެ. އަދި 25،325 މީހަކަށް މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނެވެ.

އެމްޑީޕީގެ ޕްރައިމަރީ އާއި ހަމައަށް ދިޔައިރު 48 ދާއިރާއެއްގެ ޓިކެޓް އޮތީ ކަށަވަރުވެފައެވެ.

20 ވަނަ މަޖިލީހުގެ އިންތިޚާބު އޮންނާނީ އަންނަ މާރިޗް މަހުގެ 17 ވަނަ ދުވަހުއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި