ނަޝްވާން ބޭނުންވީ ބައްޕަ ކަހަލަ ޚިދުމަތްތެރިއަކަށްވުމަށް، މިއަދު އެއީ ނަމޫނާ ޒުވާނެއް!

photo_2024-02-03_11-13-01

އިޖްތިމާޢީގޮތުން ރަށަށް ކުރިއެރުން ލިބުމަކީ ރަށުގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެވެސް އުއްމީދަކަށް ވާނެކަން ޔަޤީނެވެ. އަދި  ފަސޭހަ، ފަހި ދިރިއުޅުމަކަށް އެދޭ ކޮންމެ ރައްޔިތަކުވެސް އެ ހުވަފެން ދެކޭނެކަން ގައިމެވެ. ހަމައެފަދައިން އިޖްތިމާޢީ މަސައްކަތްތަކަށް ލޯބިކުރާ ޒުވާނުން އިތުރުވެއްޖެނަމަ، ރައްޔިތުން އެދޭ ފަދަ ހެޔޮ ބަދަލްތައް ރަށުގެ ތަރައްޤީއަށް އަންނާނެކަން ޤަބޫލު ކުރާ މީހުން ނުހަނު ގިނައެވެ. ބޭނުންވަނީ ހިތްވަރާއި ސާބިތުކަމެވެ. އަދި ކެރުންތެރިކަމާއި ނުގުޑާފަދަ ޢަޒުމެކެވެ.

ހއ ދިއްދޫ، ނަވަރަން، ނަޝްވާން އިބްރާހިމަކީ ޢިޖްތިމާޢީ މަސައްކަތްތައް ކުރުމުގައި އެފަދަ ދެވަނައެއް ނުވާ ފަރާތެއްކަމުގައި ދިއްދޫ ރައްޔިތުން ޤަބޫލު ކުރާނެ ޒުވާން ހުނަރުވެރިއެކެވެ. ދިއްދޫގައި މިހާތަނަށް ބޭއްވިފައިވާ އެންމެ ބޮޑެތި ޚަރަކާތްތައް ބާއްވާފައިވަނީ ނަޝްވާން އިސްވެ ހުރެ، އޭނާގެ ބެލުމުގެ ދަށުންނެވެ. އަދި ކަންކަމުގައި އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް ލާބައާއި މަންފާ ކުރާނެ ގޮތްގޮތަށް ކަންކަން ކޮށްދިނުމަށް ނަޝްވާން ދަނީ އަބަދުވެސް ވިސްނަމުންނެވެ. އޭގެ އިތުރުން ކުޅިވަރާއި އެހެނިހެން ގޮތްގޮތުންވެސް އޭނާއަކީ ރަށު ފެންވަރާއި އަތޮޅު ފެންވަރުގައިވެސް ޚިދުމަތްކުރުމުގައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ހިތްވަރުގަދަ ޒުވާނެކެވެ. އަމިއްލަ ވިޔަފާރިއެއްގައި މަސައްކަތް ކުރި ނަމަވެސް އޭނާ ޚަރަކާތްތެރިވާ ކްލަބުގެ މަސައްކަތްތަކަށް ކުޑަކޮށްވެސް ފަރުވާކުޑައެއް ނުކުރެއެވެ. ނަޝްވާނަކީ ދިރިއުޅުމުގެ ކަންތައްތަކާއި ވިޔަފާރި އަދި އިޖްތިމާޢީ މަސައްކަތްތަކުގައިވެސް ވަގުތު ހޭދަކުރަމުންދާ ހިތްވަރުގަދަ މިސާލެކެވެ. އޭނާ ބުނިގޮތުގައި އޭނާއަށް އެންމެ ޚާއްސަ އަޙައްމިއްޔަތު ކަމެއް ދެވޭ އެއްކަމަކީ އިޖްތިމާޢީ މަސައްކަތްތަކެވެ.

ނަޝްވާންގެ އިޖުތިމާޢީ ޚިދުމަތުން މަންޒަރުކޮޅެއް

އިޖުތިމާޢީ މަސައްކަތުގެ ތެރެއަށް ވަންނަން ޝައުޤުވެރިވީ ގޮތް

2000 ވަނަ އަހަރު ފެށުނު އިރު، ނަޝްވާންގެ ބައްޕަ، އިބްރާހިމް ރަޝީދަކީ ދިއްދޫގެ އެންމެ ޚަރަކާތްތެރި ކްލަބް ކަމަށްވާ "ދިއްދޫ އެކުވެރިކަމުގެ ޗޭނު ޖަމްޢިއްޔާ"ގެ ރައީސެވެ.  އެގޮތުން ރަށުގެ ތަރައްޤީއަށް އޭރު ބައްޕަ ކުރަމުންދިޔަ މަސައްކަތްތައް ދާދި ގާތުން ނަޝްވާނަށް ދިޔައީ ފެންނަމުންނެވެ. އެހެންކަމުން ބައްޕަ ފަދައިން އިޖްތިމާޢީ މަސައްކަތްތައް ކުރުމަށް ނަޝްވާންގެ ހިތުގައި ޝައުޤުވެރިކަން އުފެދިގެން ދިޔައެވެ. ބައްޕަފަދަ ޚިދުމަތްތެރިއަކަށް ވާން ބޭނުންވިއެވެ. އެހެންކަމުން އިޖްތިމާޢީ މަސައްކަތްތައް ކުރުމަށް ނަޝްވާންގެ ހިތުގައި ލޯބި ޖެހި، އެހިތްވަރު ލިބުނީ ބައްޕަގެ ފަރާތުންކަމުގައި އޭނާ ފާހަގަ ކުރީ ބައްޕައާމެދު ފަޚުވެރިވާ ޙާލުގައެވެ.

އިޖްތިމާޢީ މަސައްކަތްތަކަށް ވަދެވުނު ގޮތް

ކުޅިވަރަށް ޚާއްސަކޮށްގެން ހއ ދިއްދޫ "މިޑްލްސްޕޯޓް ކްލަބް" އުފައްދައި ރަޖިސްޓްރީ ކުރުމަށްފަހު ނަޝްވާންގެ އަމާޒް ބަދަލުވެގެން ދިޔައެވެ. ކުޅިވަރަށް ޚާއްސަ ޖަމްޢިއްޔާއެއްގެ ގޮތުގައި މިޑްލްސްޕޯޓް ކްލަބް އުފެއްދި ނަމަވެސް، ނަޝްވާންގެ ލަނޑުދަނޑިއަކަށްވީ ހަމައެކަނި ކުޅިވަރު ކުރިއެރުވުމެއް ނޫނެވެ. ރަށުގައި އިޖްތިމާޢީ މަސައްކަތްތައްވެސް ކުރި އެރުވުމަށް ނަޝްވާން ނުހަނު ބޭނުންވިއެވެ. އެގޮތުން ސްކޫލް ދަރިވަރުންގެ މެދުގައި ދިއްދޫގައި ބޭއްވުނު މިނީ އޮލިމްޕިކް މުބާރާތަކަށް 200 ވަރަކަށް މެޑައްޔާއި ގިނަ ޢަދަދެއްގެ ޓްރޮފީ ހަދިޔާކުރުމުގެ މަސައްކަތަކީ ނަޝްވާން ރައީސްކަމުގައި ހުރެ، ކުރެވުނު އެންމެ ފުރަތަމަ މަސައްކަތެވެ. ކްލަބްގެ މެމްބަރުންގެ އަތުން ޗަންދާ ނަގައިގެން ފައިސާ ހަމަކޮށް، ކާމިޔާބު އިވެންޓެއް ނިންމާލެވުމަކީ ޚުދު ނަޝްވާނަށް އިތުރަށް ކުރިއަށްދާން ކޮށުނު އަލި މަގެކެވެ. އެހިސާބުން އިޖްތިމާޢީ މަސައްކަތްތަކުގެ ތެރެއަށް އޭނާއަށް ފީނައިގަނެވުނެވެ.

ކުރެވުނު މައިގަނޑު މަސައްކަތްތައް

ދަރިން ބަލައި ގޮސް ސްކޫލް ދޮށުގައި ބެލެނިވެރިން ރަތްގަދަ އަވީގައި ތިބޭ މަންޒަރަކީ އަބަދުވެސް ނަޝްވާނަށް ބަލަން އުނދަގޫވި މަންޒަރެކެވެ. އެކަމަށް ޙައްލެއް ހޯދައި ދިނުމަށްޓަކައި ކްލަބްގެ ފަރާތުން އިސްނަގައިގެން ބެލެނިވެރިން މަޑުކުރުމަށްޓަކައި 120 ފޫޓްގެ ސަރަޙައްދެއް ހިޔާކުރިއެވެ. އަދި ބީއެމްއެލް ކޮމިޔުނިޓީ ފަންޑްގެ އެހީތެރިކަމާއެކު "ދިއްދޫ ރައްސިގަނޑު" ގެ ނަމުގައި ކޮމިޔުނިޓީ ޕާކެއް ހެދިއެވެ.

އޭގެ އިތުރުން ޕްރީސްކޫލް ހުންނަ މަގުގައިވެސް ކަޅުދާ ދަމާ، ހިޔާކުރުމުގެ މަސައްކަތް ކޮށްފައި ވެއެވެ. އަދި ޕްލާސްޓިކް މަދުކުރުމަށްޓަކައި ރަށުގެ ހުރިހާ ގޭބިސީއަކަށް ފޮތި ކޮތަޅު ހަދިޔާ ކުރިއެވެ. އަދި ސްކޫލްގެ 900 އެއްހާ ދަރިވަރުންނަށް ވަކިން ފޮތި ކޮތަޅު ހަދިޔާ ކުރިއެވެ.

މީގެ އިތުރުން " ސްކޫލް ހިޔާ " ގެ ނަމުގައި ސްކޫލްގެ ގޯތިތެރޭގައި ރީޑިންގ ކޯނަރއެއް ޤާއިމު ކުރެވުނެވެ. އެއްފަހަރާ 60 ވަރަކަށް ދަރިވަރުންގެ ޖާގައިގެ މިތަނަކީ  ދަރިވަރުންގެ މެދުގައި ކިޔުންތެރިކަމުގެ ހުނަރު އިތުރު ކުރުމަށްޓަކައި ވަރަށް މުޙިއްމު ތަނަކަށް ވާނެކަން ޔަޤީނެވެ. އޭގެ އިތުރުން ސްކޫލްގެ ގޯތިތެރޭގައި ބެހެއްޓުމަށްޓަކައި މިޑްލްސްޕޯޓް ކްލަބްގެ ފަރާތުން ވަނީ 3 ބެންޗް ހަދިޔާ ކޮށްފައެވެ.

މަގުތަކުގައި ތާރު އެޅުމުގެ ސަބަބުން ޚާއްސައެޙީއަށް ބޭނުންވާ ކުދިންނަށް ދުއްވާ ގޮނޑި ފަދަ އެއްޗެހީގައި ތިބެ، އެކުދިންގެ ގެއަށާއި ސްކޫލަށް ވަދެ ނިކުމެ ހަދަން ދަތިތަކެއް ދިމާވަމުންދާކަން ކްލަބްގެ ސަމާލުކަމަށް އައެވެ. އެހެންކަމުން ކައުންސިލާއި ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަ ދައްކައިގެން އެކުދިންގެ ގެއާއި ސްކޫލްގައިވެސް، އެކުދިންނަށް ފަސޭހަވާނެ ގޮތަށް ވަދެ ނިކުމެ ހެދުމަށްޓަކައި ރޭމްޕެއް އަޅައިދީފައިވެއެވެ. އަދި އެއާއެކު އެ ޕްރޮޖެކްޓްގެ ދަށުން، ސްކޫލްގެ ބައެއް ކްލާސްރޫމްތަކުގައިވެސް އެކުދިންނަށް ޚާއްސަކޮށް ރޭމްޕް އަޅައިދީފައިވެއެވެ.

ނަޝްވާންގެ އިޖުތިމާޢީ ޚިދުމަތުން މަންޒަރުކޮޅެއް

ޚާއްސައެހީއަށް ބޭނުންވާ ކުދިން ބާކީ ނުކޮށް، ކަންތައްތަކުގައި އެކުދިން ބައިވެރި ކުރުވުމަކީ ނަޝްވާންގެ އެއް އަމާޒެވެ. އެގޮތުން ނަޝްވާންގެ ޓީމާއެކު މަސައްކަތްކުރަމުންދިޔަ އޯޓިޒަމް ކުއްޖަކަށް މިޑްލްސްޕޯރޓް ކްލަބާއި ދިއްދޫ ޕޮލިސްސްޓޭޝަނުން މަސައްކަތްކޮށްގެން އާރްޑީސީ އިން ވަޒީފާ ހަމަޖައްސައިދިނުމަކީ އުފަލާއެކު ނަޝްވާން ފާހަގަ ކުރި ކަމެކެވެ. ނަޝްވާންގެ ނަޞޭޙަތަކީވެސް އެފަދަ ކުދިން އިޖްތިމާޢީ ކަންކަމުގައި ބައިވެރިކޮށް، އެކުދިންނަށް ރަނގަޅު ގޮތް ހޯދައިދޭން އެންމެންވެސް މަސައްކަތް ކުރުމެވެ. އެގޮތުން ނަޝްވާނާއި ކްލަބްގެ މެންބަރުންގެ ސަބަބުން ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހެޔޮ ބަދަލްތަކެއް އައިސްފައިވާކަން ފަޚުރުވެރިކަމާއެކު އޭނާ ފާހަގަ ކުރިއެވެ.

އެންމެ ވަރުގަދަ ޕްރެޖެކްޓަކަށް ކްލަބްގެ ފަރާތުން އޭނާ އިސްވެ ހުރެ ކުރެވުނީ ހއ ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ މަސައްކަތެވެ. އޭގެ އިތުރުން މިއަހަރުގެ މާރޗްމަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތަށް ތައްޔާރުވުމަށްޓަކައި 2023 ވަނަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން މިހާރުވެސް ދަނީ ކުރިޔަށްކަމުގައި އޭނާ ބުންޏެވެ. ކުރާ ކޮންމެ ކަމެއް، ދުރާލާ ރާވައިގެން ކުރުމަކީ ، ކުރާ ކަންކަމުގެ ކޮލިޓީ ހިފެހެއްޓޭނެ ކަމެއް ކަމުގައި އޭނާ ޤަބޫލުކުރެއެވެ.

ކްލަބްތަކުގައި ނަޝްވާންގެ ދައުރު

7 އަހަރު ދުވަހު މިޑްލްސްޕޯޓް ކްލަބްގެ ރައީސްކަން އަދާކުރުމަށްފަހު މިހާރު ނަޝްވާން މަސައްކަތް ކުރަމުންދަނީ " ދި ފައުންޑޭޝަން"ގައެވެ. ނަމަވެސް މިޑްލްސްޕޯރޓް ކްލަބުން ހިންގަމުންދާ އެންމެ އަލިގަދަ ތަރި ޤުރުޢާން މުބާރާތުގެ އެންމެހާ ކަންކަމުގައި އަދިވެސް ޢަމަލީގޮތުން ނަޝްވާންދަނީ ބައިވެރިވަމުންނެވެ. ނަމަވެސް އެހެން މަޤްޞަތެއްގައި އުފެއްދި ދި ފައުންޑޭޝަން ހިންގުމަށްޓަކައި މިދިޔަ އަހަރު ޖުލައިމަހު ނަޝްވާންވަނީ މިޑްލްސްޕޯޓް ކްލަބުން އިސްތިޢުފާ ދީފައެވެ. އެއާއެކު ދި ފައުންޑޭޝަންގެ ފަރާތުންވެސް  ގިނަ އިޖްތިމާޢީ ޚަރަކާތްތައް ރަށުފެންވަރުގައި އަންނަނީ ކުރަމުންނެވެ.

ނަޝްވާންގެ އިޖުތިމާޢީ ޚިދުމަތުން މަންޒަރުކޮޅެއް

ކުރު މުއްދަތެއްގެ ތެރޭގައި ތިލަދުންމަތީ އެންމެ ޚަރަކާތްތެރި ކްލަބަކަށް މިޑްލްސްޕޯރޓް ކްލަބް ވެގެން ދިޔައީ ނަޝްވާންގެ މާލިމީކަމުގައި! އެކާމިޔާބީގެ ސިއްރު.

ނަޝްވާން ދެކޭގޮތުގައި ކުރާ ކޮންމެ ކަމެއްވެސް ކުރަން ބޭނުންވަނީ އޭގެ އެންމެ ފުރިހަމަ " ކޮލިޓީ " ގައެވެ. ނަމަކަށް ކަމެއް ކުރުމަކީ އޭނާ ޤަބޫލު ކުރާ ގޮތެއް ނޫނެވެ. އޭގެ އިތުރުން އިޖްތިމާޢީ ޚަރަކާތްތައް ހިންގަން ބޭނުންވަނީ އަބަދުވެސް ދެފުށް ފެންނަ ގޮތަށް، ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ސަޕޯޓް ލިބިގެންނެވެ. މިޑްލްސްޕޯޓް ކްލަބަކީ ރަޖިސްޓަރޑް ޖަމްޢިއްޔާއަކަށް ވެފައި، ހިންގޭ ޚަރަކާތްތާއި ގުޅިގެން އަހަރީ ރިޕޯޓްވެސް ކަމާބެހޭ ފަރާތްތަކާ ޚިއްސާކުރަން ޖެހެއެވެ. އެހެންކަމުން ފައިސާގެ މުޢާމަލާތްތައް އޭނާ ބޭނުންވަނީ ސޯޝަލްމީޑިއާ މެދުވެރިކޮށް ހާމަކަން ބޮޑު ގޮތަކަށް ރައްޔިތުންނަށް ފޯރުކޮށްދޭށެވެ. އެގޮތުން ހިންގާ، ފަންޑްރައިޒިންގ އިވެންޓްތަކުން ފައިސާ ލިބޭ މިންވަރު ދުވަހުން ދުވަހަށް ރައްޔިތުންނަށް އަންގައިދޭން އޭނާ ބޭނުންވެއެވެ.

ކްލަބްގެ ރައީސްކަމުގައި ހުރިއިރު، މެންބަރުން ކުރާ މަސައްކަތްތައް ބަލައިގަނެ، ހިތްވަރު ދިނުމަކީ ނަޝްވާން ދެކޭގޮތުގައި ވަރަށްވެސް މުޙިއްމު ކަމެކެވެ. ޙަޤީޤަތުގައި އެއީ މާލިމީއެއްގެ އެންމެ ބޮޑު އެއް ވާޖިބުކަމުގައި އޭނާ ދެކެއެވެ. ސަބަބަކީ އެކުގައި މަސައްކަތްކުރާ ކުދިންނާ އޮންނަ ގުޅުން ވަރުގަދަ ވެއްޖެނަމަ، ކުރާ ކޮންމެ ކަމެއްގައި އޭގެ އެންމެ ފުރިހަމަ ކާމިޔާބީއާ ހަމައަށް ވާޞިލް ވެވޭނެކަމާމެދު ޝައްކު ކުރާކަށް ނުޖެހޭނެއެވެ.

ނަޝްވާންގެ އިޖުތިމާޢީ ޚިދުމަތުން މަންޒަރުކޮޅެއް

އިޖްތިމާޢީ މަސައްކަތްތަކަށް ހުރި ގޮންޖެހުން

ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ހަދާ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ނުބެލެހެއްޓުމަކީ ނަޝްވާން އެންމެ ކަންބޮޑުވާ އެއް ކަމެވެ. ކްލަބުންނާއި އެކި ފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން ބޮޑެތި ޚަރަދުކޮށްގެން އެހާ ބުރަ މަސައްކަތުން ހަދާ ތަންތަން ހަލާކުވެ، ނެތި ދާތަން ބަލަން ޚުދު އޭނާއަށްވެސް އުނދަގުލެވެ. ބޮޑެތި ޕްރެޖެކްޓްތައް ނިންމުމަށްފަހު ރަށު ކައުންްސިލާ ޙަވާލް ކުރަނީ ދާއިމީ ގޮތަކަށް އެތަންތަން ބެލެހެއްޓުމަށެވެ. ކުލަބުން ކުރާ ކަންތައްތަކުގައި ކައުންސިލުން އެއްބާރުލުން ދިން ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި ތަންތަން ނުބެލެހެއްޓޭކަން ހިތާމަޔާއެކު އޭނާ ފާހަގަ ކުރިއެވެ.

އެންމެ ގިނަ ދުވަހު ނަޝްވާން ޚިދުމަތްކުރި މިޑްލްސްޕޯޓް ކްލަބަކީ ކުޅިވަރު ކުރިއެރުވުމަށް ޚާއްސަ ކްލަބެކެވެ. ނަމަވެސް ނަޝްވާންގެ ޒުވާން ފިކުރުގެ ތެރެއިން އިޖްތިމާޢީ ޚަރަކާތްތައް އޭނާ ހިންގަން ފެށުން ވެގެން ދިޔައީ ބައެއް މީހުންގެ ބަހުގެ ޙަމަލާ އޭނާއަށް އަމާޒުވާންފެށި ކަމަކަށެވެ. ކުޅިވަރު ކުލަބަކުން ދަރުސްދިނުމާއި ޤުރުއާން މުބާރާތްތައް ބޭއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބައެއް މީހުން ބުނެއެވެ. އެފަދަ ގޮންޖެހުން ތަކާއެކުގައިވެސް ނަޝްވާން ހިތްވަރު ކުރީ ކްލަބާއެކު ކުރިއަށް ދެވޭތޯއެވެ.

ދިއްދޫއަށް ނަޝްވާންގެ ކުރިމަގުގެ ތަސައްވުރު

މިހާރު ދިފައުންޑޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުރި ނަޝްވާން އަބަދުވެސް ބޭނުންވަނީ ރަށާއި ރައްޔިތުންނަށް ލާބައާއި މަންފާ ކުރާނެ ގިނަ ކަންތައްތަކެއް ކުރުމަށެވެ. އަދި މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، އިޖްތިމާޢީ މަސައްކަތްތަކުގައި ރަށް ކުރިއެރުވުމަށްޓަކައި ގިނަ ޒުވާނުން ނެރުމެވެ. ދިއްދޫއަކީ ކުޅިވަރު ކުރިއެރުވުމަށްޓަކައި އެހެން ކްލަބްތަކެއްވެސް އޮންނަ ރަށަކަށްވުމާއެކު ނަޝްވާންގެ އެދުމަކީ އެފަދަ ކްލަބްތަކުންވެސް ކުޅިވަރަށް ދޭ އަހަންމިއްޔަތުކަމާއެކު، އިޖްތިމާޢީ ގޮތުންވެސް ކޮންމެވެސް ވަރަކަށް ރަށަށް ޚިދުމަތް ކުރުމަށެވެ. އަދި އޭނާގެ އުއްމީދަކީ ދިއްދޫގެ ކުރިމަގު އަބަދުވެސް އުޖާލާވެ، ބަދަހި ގުޅުމަކުން ޖަރީވެފައިވާ ރައްޔިތުން ދިރިއުޅޭ ރަށަކަށް ވުމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. Dhidhoo ga club jammiyaatya baivaru. Eykamu middle sports vare noanaane. Rashuge hurihaa kame ga middle Cara boda harakaaitheri. Eyhen jamiyyaatha hama eykani football mubaaraatha haradhukuranee eygen eyvess faudhaa ey rashaka nulibey.

  2. ތަންތަނުން ސުޕޯންސާރ ހޯދައިގެން ސުޕޯންސާރ އަށް ކެރެޑިޓް ނުދީ އަމިއްލަ މަސައްކަތުން އަމިއްލަ ހަރަދުގަ ކުރަަ ކަންކަން ކަމަށް ދައްކަނީ މުޅިން . ކޮމިއުނިޓީ ފަންޑުގެ ދަށުން ހެދި ރައްސިގަނޑުވެސް މަސައްކަތުގެ ފެންވަރު ދަށް އަތްވާއި ވާރެއިން ފަސޭހައިން ހަލާކު ވާކަހަލަ ސާމާނުގަ ކޮށްފައިވާ ދެރަ މަސައްކަތެއް. ދެން ބަޔަކު ކިތަމެ ބެލެހެއްޓިޔަސް ހަލާކު ވާނެ . ތަފާތު ހިޔާލުތައް ބަލައި ނުގަނެވޭ، ތަފާތު ހިޔާލެއް ފާޅުކުރާ މީހަކަށް ޒާތީކަން ދައްކާ. އަމިއްލަ ވިޔަފާރި ފުޅާ ކުރަން ، ކަސްޓަމަރުން ހޯދަން ކުރާ މަސައްކަތް ދެން ކުރަނީ .

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *