ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދު)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ މާދަމާ ބާއްވަން ނިންމާފައިވާއިރު އެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދާނީ ހެނދުނު 10 އިން ހަވީރު 5 އަށް ކަމަށް އެ އިއްތިހާދުން ބުނެފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުން މިއަދު ބުނީ މި ޕްރައިމަރީގައި އެ އިއްތިހާދުގެ ދެ ޕާޓީއަށް ނިސްބަތްވާ ޖުމްލަ 71،597 މެންބަރަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.
މާދަމާގެ މި ޕްރައިމަރީ 73 ދާއިރާއެއްގައި ބާއްވަން ނިންމާފައިވާއިރު، އެ ދާއިރާތަކުގައި ޖުމްލަ 227 ފޮށި ބަހައްޓާނެއެވެ.
މި ޕްރައިމަރީގައި ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 283 ކެންޑިޑޭޓުން ވާދަކުރެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީ
ފޮށިތަކުގެ ޢަދަދު: 227
ޕްރައިމަރީ ބާއްވާ ދާއިރާތަކުގެ ޢަދަދު: 73
ވާދަކުރާ ކެންޑިޑޭޓުންގެ ޢަދަދު: 283
ވޯޓުލުން އޮންނަ ގަޑި: 10:00ން 17:00އަށް
— PNC Secretariat (@pnc_secretariat) January 26, 2024
މާދަމާ މި ޕްރައިމަރީ ބާއްވާއިރު، ޕްރައިމަރީގެ ކަންކަމުގައި އެންމެ އިސްކޮށްތިއްބަވާނެ ބޭފުޅުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޕީއެންސީގެ ނައިބު ރައީސް، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާޙީމް ޝުޖާޢު އާއި ޕީޕީއެމްގެ ނައިބު ރައީސް، މަސްވެރިކަމާބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ސިޔާމް އެވެ.
އެ އިއްތިހާދުން ޕްރައިމަރީއަށް ހުޅުވާލުމުން 296 މެންބަރަކު ޓިކެޓަށް އެދި ޝައުޤުވެރިކަން ފާޅުކުރިއިރު، އިތުރު މެންބަރެއް ކުރިމަތި ނުލާ 13 ދާއިރާއެއްގެ ޓިކެޓް، އެ ދާއިރާތަކަށް ކުރިމަތިލި މެންބަރުންނަށް ވަނީ ކަށަވަރުވެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުން ވަނީ ތިން ދާއިރާއަކަށް އެ އިއްތިހާދުގެ ކެންޑިޑޭޓުން ނުނެރެން ނިންމާފައެވެ. އެއީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް ވާދަކުރައްވާ ދާއިރާ އާއި، މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް، މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ވާދަކުރައްވާ ދާއިރާ އާއި، އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވާދަކުރައްވާ ދާއިރާއެވެ. މިތަނުން ޤާސިމާއި ސިޔާމް ވާދަކުރައްވަނީ މިހާރު ވެސް އެބޭފުޅުން ތަމްސީލް ކުރައްވަމުން ގެންދަވާ ދާއިރާ ތަކަށެވެ. އެނގިފައިވާގޮތުގައި ނާޒިމް މިފަހަރު ވާދަކުރައްވަނީ މާލޭގެ ދާއިރާ އަކަށެވެ.
އަންނަ މަޖިލީހުގެ އިންތިޚާބުގައި 93 ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!