''ވަރުގަދަ މީހާއަކީ ރުޅި އަންނަހިނދު ނަފްސު ކޮންޓްރޯލްކުރާ މީހާ''

މަސްޖިދުލް އަފްރާޝީމް ޢަލީ، އުނގޫފާރު، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މަސްޖިދުލް އަފްރާޝީމް ޢަލީ، އުނގޫފާރު، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރުޅިމަޑުކުރުމުގެ ޖަޒާއަކީ ސުވަރުގެކަން ހަނދާންކޮށްދީ، ރުޅިމަޑުކުރުމުގެ މުހިންމުކަމުގެ މައްޗަށް ގިނަ ނަސޭހަތްތަކަކާއި ދަރުސްތަކެއް މިއަދުގެ ޚުޠުބާގައި ގެނެސްދީފިއެވެ.

މިއަދުގެ ޚުޠުބާ ޚާއްޞަކޮށްފައިވާ މަޢުލޫއަކީ ''ރުޅިމަޑުކުރުން'' އެވެ.

ޚުޠުބާގައި ތަޤްވާވެރިވެ ތިބުމަށް ނަޞޭޙަތްތެރިވަމުން ބުނެފައި ވަނީ ހާލަތު ރަނގަޅުވުމާއި، ހިތްހަމަޖެހުން ލިބިދިނުމާއި އަދި ދާންއޮތްތަން ރަނގަޅުވުން އޮތީ ތަޤްވާވެރި ވުމުގައި ކަމަށެވެ.

الله سبحانه وتعالى ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. ''އަދި ތިޔަބައި މީހުން މާތްﷲ އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ ތަޤްވާވެރިންނާއެކުގައިކަން ތިޔަބައިމީހުން ދަންނާށެވެ.'' (ސޫރަތުލް ބަޤަރާ: 194)

މިއަދުގެ ޚުޠުބާގައި ވަޏި ރުޅިމަޑުކޮށް ކޮންޓްރޯލް ކުރުމުގެ މައުނަވީ ދުނިޔަވީ އަދި އުޚުރަވީ ފައިދާތައް މިސާލުތަކާއެކު ހިމަނާފައެވެ. އަދި ރުޅިމަޑުކޮށް ހިތްތިރިކަން އިސްކުރުމުގެ މުހިންމުކަން މިސާލުތަކާއެކު ހިމަނާފަވެއެވެ.

މިގޮތުން އޭގެ ބައެއް މިސާލަށް ބަލާއިރު، އަބޫ ޙުރައިރާ ރަޟިޔަންﷲ އަންޙްގެ ކިބައިން ރިވާވެގެންވާ އަންނަނިވި މިސާލުގައިވާގޮތުގައި އެއް ދުވަހަކު މީހަކު ކީރިތި رسول الله صلى الله عليه وسلم އައިސް ނަސޭހަތް ދެއްވުމަށް ދެންނެވުމުން ކީރިތި رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ''ތިބާ ރުޅި ނާންނާށެވެ!'' އެމީހާ ތަކުރާރުކޮށް އެހުމުން ވެސް ރަސޫލާ ދެއްވީ އެ ޖަވާބެވެ.

މީގެ އިތުރުން އަބޫދަރުދާއު ރަޟިޔަﷲ އަންޙްގެ ރިވާއެއްގަވެއެވެ. އެއްދުވަހަކު ކީރިތި رسول الله صلى الله عليه وسلم ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. އަޅުގަނޑު ސުވަރުގެއަށް ވައްދާނެ ޢަމަލެއްގެ ވާހަކަ ވިދާޅުވެދެއްވާނުތޯއެވެ؟ އެހިނދު ކީރިތި رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ''ތިބާ ރުޅިނާންނާށެވެ! އޭރުން ތިބާއަށް ސުވަރުގެ ހުއްޓެވެ!'' ރަސޫލާގެ މި ބަސްތަކުން މީސްތަކުންނަށް ގޮވައިލަނީ ރުޅިމަޑުކުރުމަށާއި، ރުޅިވެރިކަން އުފެދިދާނެ ސަބަބުތަކުން ދުރުހެލިވުމަށްކަން ޚުޠުބާގައި ފާހަގަކޮށްފަވެއެވެ.

ރުޅި މަޑުކުރުމުގެ ޖަޒާއަކަށް ސުވަރުގެވާކަން ބަޔާންކޮށް الله سبحانه وتعالى ވަޙީކުރައްވާފައިވާ ބަސްފުޅުގެ އަންނިވި މާނަ ޚުޠުބާގައި ވަނީ ހިމަނާފައެވެ. އެއީ ''އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޟުރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންތައްފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެ ގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައި ވަނީ ތަޤްވާވެރީންނަށެވެ. އެވެރިންނަކީ، ތަނަވަސްކަމުގައްޔާއި، ދަތިޙާލުގައި (މުދާ) ހޭދަކޮށް އުޅޭ މީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ.! އަދި މީސްތަކުންނަށް މަޢާފުކުރާ މީހުންނެވެ! އިޙްސާންތެރިންދެކެ މާތްﷲ ލޯބިވެވޮޑިގެންވެއެވެ. އަދި، އެއުރެންނީ ހުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ ނުވަތަ، އެއުރެންގެ ނަފުސުތަކަށް އަނިޔާވެރިވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަ ފާފައެއްކޮށްފިނަމަވެސް) މާތްﷲ ޙަމްދުކޮށް، އެއުރެންގެ ފާފަފުއްސެވުމަށް ދުޢާކޮށްއުޅޭ މީހުންނެވެ. ﷲ ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކުހެއްޔެވެ؟ އަދި އެއުރެން ދެނެތިބި ހާލު އެއުރެން ކުޅަ ކުށުގެމަތީގައި ދެމިއެއް ނުތިބެއެވެ. އެއުރެންގެ ޖަޒާއަކީ އެއުރެންގެ ވެރި ރަސްކަލާނގެ ހަޟުރަތުން ފާފަފުއްސެވުމެވެ. އަދި އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އެތާނގައި އެއުރެން ދެމިތިބޭ ޙާލުގައެވެ. ހެޔޮ ޢަމަލުކުރާ މީހުންނަށް ހުރި ދަރުމައެއްގެ މޮޅުކަމާއެވެ!''

މިއަދުގެ ދުނިޔަވީ ޙަޔާތުގައި ރުޅިމަޑުކަމުގެ ރިވެތި ނަމޫނާ ފެނުމުގެ ބަދަލުގައި ފެންނަނީ ބަދަލު ހިފުމުގެ ރޫޙުކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. އެއަށްފަހު رسول الله صلى الله عليه وسلم ގެ އަންނިވި ޙަދީޘްފުޅު ހިމަނާފަވެއެވެ. ''ވަރުގަދަ މީހާއަކީ ހިފާ ބަލިކުރާ މީހާއެއްނޫނެވެ. އެހެނަސް ވަރުގަދަ މީހާއަކީ، އޭނާގެ ގާތަށް ރުޅި އަންނަހިނދު، ނަފްސު ކޮންޓްރޯލްކުރާ މީހާއެވެ!''

ޚުޠުބާގައި ވަނީ ރުޅިމަޑުކަމުގެ މުހިންމުކަމާބެހޭ މިނޫންވެސް ގިނަ ހާދިސާތަކާއި، الله سبحانه وتعالى ގެ ވަޙީ ބަސްފުޅުތަކާއި، އެކަލާނގެ ރަސޫލާ، رسول الله صلى الله عليه وسلم ގެ ޙަދީޠްފުޅުތައް ހިމަނާފައެވެ.

ޚުޠުބާ އެއްކޮށް ކިޔައިލުމަށް: ރުޅިމަޑުކުރުން

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *