މޭކަޕް ފިހިން ކުލަޖައްސާ، ރައީފާގެ ހުވަފެންތައް ޙަޤީޤަތަކަށް!

ރައީފާ
ރައީފާ

ޒީނަތްތެރިވުމަށްޓަކައި މޭކަޕް ކުރުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އާއްމު ކަމެކެވެ. ގިނަ ބަޔަކު ދެކޭގޮތުގައި މޫނުގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމުގައި މޭކަޕް ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ. އާއްމު ދިރިއުޅުމުގައި ގޭގައި އެކަނި އިނދެ މޭކަޕްކޮށް ނަލަވި ނަމަވެސް ޚާއްސަ ތަންތަނަށް ދާއިރު، ގިނަ މީހުން ބޭނުންވަނީ ފެންވަރު ރަނގަޅު މޭކަޕް އަރޓިސްޓުންގެ ފިހީގެ އެހީ ހޯދާށެވެ. ގައިމުވެސް ތަފާތުވާނެއެވެ.

ހދ. މަކުނުދޫ ގުލްބަކާގޭ ރައީފާ ޢަބްދުﷲ ( ރައި) 27އ، އަކީ މޭކަޕް ކޮށްދިނުމުގައި ހުނަރުން ފުރިފައިވާ ފަރާތެކޭ ބުނަމުން ދޮގަކަށް ނުވާނެއެވެ. ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ޙަޤީޤަތަކަށް ހަދައި، މާލޭގައި " މިރޯސް ބައި ރައީފާ" ގެ ނަމުގައި ސެލޫންއެއް ހުޅުވާ ޚިދުމަތްދޭތާ މިހާރު އަހަރު ދުވަސް ވެއްޖެއެވެ. މި އުސް ހަރުފަތާ ހަމައަށް ވާޞިލްވުމަށްޓަކައި، މި ޒުވާން ހުނަރުވެރިޔާވަނީ އެތައް އަޑިގުޑަން ތަކަކާ ކުރިމަތިލައި ފަސް އެއްވަރުކޮށްފައެވެ. އަދި އޭނާ ވަނީ ކުރިއަށް ދާން ނުހަނު ގިނަގުނަ މަސައްކަތްތަކެއްވެސް ކޮށްފައެވެ.

މޭކަޕް ކޮށްދިނުމަށް ޝައުޤުވެރިކަން އުފެދުނުގޮތް

ރައީފާއަކީ އަބަދުވެސް މޭކަޕްކުރާ ހިތްވާ ކުއްޖެކެވެ. ބޭރަށް ދާން، އާދައިގެ މަތިން ކޮށްލާ މޭކަޕްވެސް، އެހެން މީހުން ރީއްޗޭ ބުނާ ބުނުން ވެގެން ދިޔައީ އެކަމަށްޓަކައި އޭނާގެ ވިސްނުން ބަދަލު ކުރުވި ކަމަކަށެވެ. އެހެންކަމުން އެކަމުގެ ހުނަރު ކޮންމެވެސް ވަރަކަށް ހުރިކަމަށް ޤަބޫލު ކުރެވި، މީހުންގެ މޭކަޕް ކޮށްދޭން ފުރަތަމަ ފެށުނީ ގޭތެރެއިންނެވެ. ކުޑައިރުއްސުރެ ޒީނަތްތެރިކަމަށް ލޯބިކުރާ ރައިއަށް މޭކަޕް ކުރުން ވެގެން ދިޔައީ ވަރަށް ޚާއްސަ، އެހާމެ ކުރާހިތްވާ ކަމަކަށެވެ.

ރައީފާގެ މޭކަޕް ހުނަރުގެ ތެރެއިން

މަސައްކަތް ފެށުން:

ގޭގައި ހުރެގެން ވީޑިއޯތައް ބަލަމުން ރައީ ދިޔައީ މޭކަޕްގެ ދުނިޔެއަށް ވަންނަމުންނެވެ. ތަފާތު ގޮތްގޮތަށް މޭކަޕް ކުރެވޭތޯ އަމިއްލައަށް ދަސްކުރަމުންދިޔައީ ފޫހިކަމެއް ނެތިއެވެ. ގޭތެރެއިން ފެށިގެން ގާތް އެކުވެރިންނަށް މޭކަޕްކޮށްދިނުން ވެގެން ދިޔައީ މަޑުމަޑުން ރައީގެ ނަން ވިދަން ފެށި އެއް ސަބަބަކަށެވެ. އެހެންކަމުން ރަޙްމަތްތެރިން މެދުވެރިވެގެން، މޭކަޕްކޮށްދިނުމަށް ގޭގެއަށް ދާން ފެށިއެވެ. އެގޮތުން ވެޑިންގ ޕާރޓީތަކާއި ތަފާތު އެކި ޙަފްލާތަކަށް ދާ މީހުންނަށްވެސް އެގޭގޭގެ ސިޓިންގރޫމްތަކުގައި ރައީ ޚިދުމަތްދެމުން ދިޔައެވެ. ޚާއްސަ އިވެންޓްތަކަށް ދާ މީހުންނާއި ފޮޓޯ ޝޫޓްތަކަށް ދާންވެސް ރައީގެ މޭކަޕް ކަމުދާ މީހުން ގިނަވާން ފެށިއެވެ. އެހިސާބުން އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ބޮޑުވެ، މިއީ އޭނާއަށް ވާނެކަމެއް ކަމަށް ޚުދު ރައީއަށްވެސް ޤަބޫލު ކުރެވުނެވެ.

ސެލޫނެއް ހުޅުވުމުގެ ހުވަފެން:

ގޭގެއަށް ގޮސް މޭކަޕްކޮށްދޭން ފެށުމުން ސެލޫނެއް ހުޅުވުމުގެ ޚިޔާލު ފުރަތަމަ ދިނީ ރައީގެ ފިރިމީހާ އިއްބެއެވެ. އެހިސާބުން ރައީގެ ވިސްނުންވެސް އެދިމާލަށް ދަތުރު ކުރިއެވެ. އަބަދުވެސް ޝައުޤުވެރިކަން ހުންނަ އެ މަސައްކަތް އިތުރަށް ފުޅާކޮށް، އާމްދަނީ ހޯދުމަށްވެސް އެއީ ރަނގަޅު މަގެއްކަމުގައި ރައީއަށް ޤަބޫލު ކުރެވުނެވެ. އެހެންކަމުން މިދާއިރާއިން ރައީވަނީ އިތުރު ކޯހެއްވެސް ފުރިހަމަ ކޮށްފައެވެ.

ހުވަފެން ޙަޤީޤަތަކަށް ހެދުމުގެ ދަތުރު ދިގުދެމިގެން ދިޔުން

ރައީ ކުރަމުން އައި އުއްމީދުތައް މަޑުޖައްސާލަން ޖެހުނީ ފުރަތަމަ ދަރިފުޅަށް ބަލިވެ އިނުމާ ހަމައިންނެވެ. އެހިސާބުން ކޮންމެވެސް ވަރަކަށް ހިތްވަރު އެލުނު ނަމަވެސް އުއްމީދު ގެއްލުވައެއް ނުލައެވެ. އޭރުވެސް އޭނާހުރީ ލިބިފައިވާ ހުނަރު މީހުންނަށް ފޯރުކޮށްދީ، ދެކެމުންދިޔަ ހުވަފެން ޙަޤީޤަތަކަށް ހެދުމުގެ ވަރުގަދަ ޢަޒުމުގައެވެ. ސެލޫން ހަދަން ބޭނުންވާ ސާމާނާއި ތަކެތި ގެނެސް، މަސައްކަތް ނުފެށި އުޅެނިކޮށް،  ކޮވިޑް 19ގެ ބަލިމަޑުކަމުގެ ނުރައްކާ ރާއްޖެއަށް ފޯރިއެވެ. އެއާއިއެކު ދެކެމުންދިޔަ ހުވަފެން ދިގު އިންތިޒާރަކަށް ބަދަލުވެގެން ދިޔައެވެ. ހަމަ އެދުވަސްކޮޅު ރައީ ދެވަނަ ދަރިފުޅަށް ބަލިވެ އިނެވެ. އޭރު ދޮށީ ކުއްޖާއަށް ހަމަހެވެ. އެހިސާބުން ދެން މިއީ ނުވާނެ ކަމަށް ނިންމާ، މަސައްކަތްތައް ހުއްޓުމަކަށް އައެވެ.. ނަމަވެސް އެ ނާޒުކު ދަނޑިވަޅުގައި ވެއްޓެން ދިޔަ ވަގުތު، އަތުގައި ހިފައި ކޮޅަށް ނެގީ އޭނާގެ ފިރިމީހާއެވެ. ހިތްވަރުދީ އަދިވެސް ރައީއަށް އެކަން ވާނެކަމަށް ބުނެ އެއްބާރުލުން ދިނީވެސް ހަމަ އޭނާއެވެ. ވަޒީފާއަށް ދަމުން، ތުއްތު ދެދަރިންގެ ޒިންމާތައް އުފުލަމުންވެސް ރައީ ދިޔައީ އޭނާގެ މަސައްކަތް ކުރިޔަށް ގެންދެވޭތޯ ބަލަމުންނެވެ. ދިގު އިންތިޒާރަކަށްފަހު " މިރޯސް ބައި ރައީފާ " ގެ ނަމުގައި މާލޭގައި ސެލޫން ހުޅުވީ 2023 ވަނަ އަހަރުގެ ޖެނުއަރީ 8 ވަނަ ދުވަހެވެ.

ކޯވިޑްގެ ލޮކްޑައުން ދުވަސްވަރު ރައީފާ ކޮށްފައިވާ މޭކަޕެއް

ކަސްޓަމަރުންނާ އޮންނަ ގުޅުން

ޚިދުމަތް ހޯދަން އަންނަ ފަރާތާއެކު ރަނގަޅު ގުޅުމެއް ބިނާކުރުމަކީ ރައީ އަބަދުވެސް ޙާއްސަ ސަމާލުކަމެއް ދޭ ކަމެކެވެ. އެއީ ކަސްޓަމަރ ބޭނުންވާގޮތް ފާޅުގައި ބުނަން ކެރުމާއި ދެމީހުންގެ ދެމެދުގައި " އަންޑަސްޓޭޑިންގ " އެއް އޮތުމަކީ މުޙިއްމުކަމެއްގެ ގޮތުގައި ރައީ ދެކޭތީއެވެ. އެގޮތުން މޭކަޕް ކުރުމުގެ ކުރިން ކަސްޓަމަރ ދާން އުޅެނީ ކޮންކަހަލަ އިވެންޓަކަށްތޯ ބަލައި އޮޅުން ފިލުވާ ހަދައެވެ. އަދި އެ ޙަފްލާއަކާ ގުޅޭގޮތުން ކަސްޓަމަރާވެސް ގުޅޭ މޭކަޕެއް ރައީ އިޙްތިޔާރު ކުރަނީ ގިނަ ފަހަރު ކަސްޓަމަރގެ ޚިޔާލުވެސް ހޯދައިގެންނެވެ. އޭގެ އިތުރުން  މޭކަޕްކޮށް ނިމިގެން ކަސްޓަމަރ ދާއިރު، އެ ދަނީ ހިތްހަމަޖެހިގެންތޯ ބެލުމަކީ ރައީ ކޮންމެހެންވެސް ޔަޤީން ކުރަން ބޭނުންވާ ކަމެކެވެ. ކަސްޓަމަރ އާއި ބަހައްޓާ ގާތްކަމެއްގެ ސަބަބުން ގިނަ މީހުން ރައީއަކީ ސެލޫންގެ ކާކުތޯ ސުވާލުކުރެއެވެ. އެކުވެރިކަމާއެކު ވާހަކަ ދައްކާތީ، ކިތަންމެ ލަސްވިޔަސް ފޫހިކަމެއް ނެތްކަމުގައި މީހުންބުނާތީ ރައީ ހުންނަނީ ވަރަށް އުފަލުންނެވެ.

ރައީފާގެ މޭކަޕް ހުނަރުގެ ތެރެއިން

ކުރިމަތިވާ ގޮންޖެހުންތައް

ސެލޫނަށް ބޭނުންވާ ގިނަ ސާމާނުތައް މާލެއިން ނުލިބުމަކީ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ދަތިކަމެއް ކަމުގައި ރައީ ފާހަގަ ކުރިއެވެ. ކޮންމެ ފަހަރަކު ބޭރުން އެއްޗެހި ގެނައުމަކީވެސް އެހާ ފަސޭހަކަމެއް ނޫނެވެ. ބައެއް ފަހަރު ސާމާނު ގަންނަން ދާންޖެހުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމެއްކަމުގައި ރައީ ފާހަގަ ކުރިއެވެ. އޭގެ އިތުރުން ތަނުގެ ދަތިކަންވެސް ފޯރައެވެ. ނަމަވެސް މާލޭގައި ބޮޑު ތަނެއް ކުއްޔަށް ނަގައި، ބޮޑު ކުލި ދައްކައިގެން މިފަދަ ވިޔަފާރިއެއް ހިންގުމަކީ ފަސޭހަކަމެއް ނޫންކަންވެސް ރައީ ޤަބޫލު ކުރެއެވެ.

އެންމެ ބޮޑު ހިތްވަރަކީ ފިރިމީހާ އާއި އާއިލާ

ހިތްވަރުދޭ ބައިވެރިޔަކާއި އާއިލާއެއް އޮތުމަކީ ވަރަށް ބޮޑު ނަސީބެއްކަމުގައި ރައީ ދެކެއެވެ. އެ ނިޢުމަތް އޭނާއަށް ދެއްވާފައިވާތީ ޙަމްދު ކުރާ ހާލު ރައީ ފާހަގަ ކުރީ އޭނާއަށް އެހިސާބަށް އާދެވުމުގެ އެންމެ ބޮޑު މޭސްތިރީންނަކީވެސް އެއީ ކަމުގައެވެ. ރައީގެ މަސައްކަތުން މިދާއިރާއަށް ގިނަ ކުދިންތަކެއް ނެރެދިނުމަކީ ރައީގެ ވަރަށް ބޮޑު އުއްމީދެކެވެ. އެހެންކަމުން ރައީ މިހާރު އަންނަނީ މޭކަޕް ކުރަން ދަސްކޮށްދޭ ކޯސްތައްވެސް ހިންގަމުންނެވެ. ވަގުތު މަދުވެ، ކިތަންމެ ބުރަވި ނަމަވެސް މިފަދަ ވަގުތުތަކުގައިވެސް ބޭނުންވާ ކޮންމެ ހިނދެއްގައި ފިރިމީހާ ދެމުންދާ އެއްބާރުލުމަކީ ރައީއަށް އެގޮތުގައި ދެމިހުންނަން ލިބުނު އެންމެ ބޮޑު ހިތްވަރެވެ.

ރައީފާގެ ފިރިމީހާ އާއި ދަރީން،

ޝުކުރު

ކަމެއް ކާމިޔާބު ވުމުގެ ފަހަތުގައި ގިނަބަޔަކު ތިބޭނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެގޮތުން އެންމެ ފުރަތަމަ މާތްﷲއަށް ޙަމްދު ކުރުމަށްފަހު ލިސްޓްގެ އެންމެ ކުރީގައި އޭނާ ފަވާލަނީ ފިރިމީހާ އަދި މަންމައާއި ބައްޕަގެ ނަމެވެ. އެއަށްފަހު ފިރިމީހާގެ އާއިލާއާއި ރައީގެ އާއިލާގެ ފަރާތުން ލިބެމުންދާ ސަޕޯޓް އޭނާ ފާހަގަ ކުރެއެވެ. އޭގެ އިތުރުން އޮފީހުންދޭ އެއްބާރުލުމާއި ޝިފްޓް ކުދިން އޭނާއަށް ސަޕޯޓްދޭވަރު ޝުކުރުވެރިކަމާއެކު ރައީ ބަލައިގަނެއެވެ. ރައީއަށް އެޕޮއިންޓްމެންޓެއް އޮތަސް ސެލޫނަށް ފޮނުވައިދޭކަމީ އޭނާއަށް އެކަން ކުރަން އިތުރަށް ފަހިވެގެންދާ ކަމެއް ކަމުގައި ރައީ އުފަލާއެކު ބުންޏެވެ.

ހިތްވަރުގެ ބަހެއް

އަންހެނަކަށް ވީތީ ނުވާނެޔޭ ބުނެ ހިތްވަރު ގެއްލުވާ ނުލުމަށް ރައީ އެންމެންގާތުވެސް އަންނަނީ ބުނަމުންނެވެ. ދިރިއުޅުމެއް ފަށައި ދަރިން ލިބުނަސް، ވަޒީފާއަށް ދިޔަޔަސް، ވަގުތުތައް ތަރުތީބުން ބަހާލައިގެން ފުށު ނާރާގޮތަށް ކަންތައްތައް ބެލެހެއްޓޭތޯ މަސައްކަތްކުރުމަކީ އޭނާގެ ތަޖުރިބާގައި ވަރަށް ކާމިޔާބު ގޮތެކެވެ. އޭރުން ތިމާ ދެކެމުންދާ ފޮނި ހުވަފެންތަކުގައި ކުލަޖެހި، އޭގެ އެންމެ އެދެވޭ އުފާވެރި ނަތީޖާ ނެރެވިދާނެކަން ރައީ ވަނީ އަންގައިދީފައެވެ. މިއަދު އޭނާއަކީ މީހުން ބަލައިގަންނަފަދަ މޮޅު މޭކަޕް އަރޓިސްޓަކަށް ވުމުގެ އެންމެ ބޮޑު ސިއްރަކީވެސް އެއީއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *