ލިވަޕޫލަށް ކުޅެމުން އަންނަ އިންގްލެންޑްގެ ފުލްބެކް ޓްރެންޓް އެލެކްސެންޑަރ އާނޯލްޑްގެ ކަކުލަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.
އުމުރުން 25 އަހަރުގެ އާނޯލްޑްގެ ކަކުލަށް އަނިޔާވެފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެފްއޭ ކަޕް ތިންވަނަ ބުރުގައި އާސެނަލް އަތުން އެ ޓީމް 2-0 ގެ ނަތީޖާއިން މޮޅުވި މެޗުގައެވެ.
އާނޯލްޑްގެ އަނިޔާއާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ލިވަޕޫލްގެ އެސިސްޓެންޓް މެނޭޖަރ ލައިންޑާސް ބުނީ އާނޯލްޑްގެ ކަކުލަށް އަނިޔާވެފައިވާ ކަމަށާއި، އަނިޔާގެ ހާލަތު މިހާރު ސްކޭންކޮށް ބަލާފައިވާ ކަމަށެވެ. ލަފާކުރެވޭ ގޮތުގައި ތިން ހަފްތާއެއްހާ ދުވަހު އޭނާ ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަމަށް ލައިންޑާސް ވަނީ ބުނެފައެވެ. އޭނާ އިތުރަށް ބުނީ އާނޯލްޑް ނެތުމަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
މިވަގުތު ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ލިވަޕޫލަށް ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެކެވެ. އެފްރިކަން ކަޕް އޮފް ނޭޝަންސް ކުޅުމަށް ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހް ގައުމީ ޓީމާއި ގުޅިފައިވާއިރު، ލިވަޕޫލްގެ މެދުތެރެއަށް ކުޅެމުން އައި އެންޑޯ ވަނީ އޭސިއަން ކަޕް ކުޅުމަށް ޖަޕާނުގެ ގައުމީ ޓީމާއި ގުޅިފައެވެ. މީގެ އިތުރުން މި ސީޒަންގައި ލިވަޕޫލްގެ މެދުތެރޭ އެންމެ މުހިންމު ދައުރެއް އަދާކުރަމުން އައި ޒޮބޮސްލާއީގެ ފަލަމަސްގަނޑަށް އަނިޔާވެ މިވަގުތު އޭނާ ވެސް ހުރީ ކުޅުމާއި ދުރުގައެވެ.
ކަރަބޯ ކަޕް ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ލިވަޕޫލް މިރޭ ނުކުންނާނީ ފުލަމްއާއި ދެކޮޅަށެވެ. މި މަހު 21 ވަނަ ދުވަހު ޕްރިމިއާ ލީގުގައ އެ ޓީމް ނުކުންނާނީ ބޯންމައުތާއި ދެކޮޅަށެވެ. އަދި މި މަހު 24 ގައި ކަރަބޯ ކަޕް ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ލިވަޕޫލާއި ފުލަމް، ފުލަމްގެ ދަނޑުގައި ބައްދަލުކުރާނެއެވެ. މި މަހުގެ ފަހު ހަފްތާތެރޭ އެފްއޭކަޕް ހަތަރުވަނަ ބުރުގެ މެޗު ލިވަޕޫލުން ކުޅެން ޖެހޭއިރު، މި މަހު ފަހު ދުވަހު ލީގުގައި ލިވަޕޫލް ބައްދަލުކުރާނީ ޗެލްސީއާއެވެ. މި އެއްވެސް މެޗެއްގައި އާނޯލްޑަށް ނުކުޅެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!