ކުރިނބިން ފަލަސްތީން ފަންޑަށް ބޮޑު އަދަދެއް

ކުރިނބި، ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)
ކުރިނބި، ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)

އެހީހޯދުމަށް ހިންގޭ ތަފާތު ހަރަކާތްތަކުގައި އެންމެ އާދަޔާ ހިލާފް ނަތީޖާއެއް ފެންނަ އެއް ރަށަކީ ތިލަދުންމަތީ ދެކުނުބުރީ ކުރިނބީއެވެ.

އެ އަތޮޅުގައި އެންމެ ކުޑަ އާބާދީ އޮތް ރަށްތަކުގެ ތެރޭ ހިމެނޭ ކުރިނބީގެ ޖުމްލަ އާބާދީއަކީ 764 މީހުންނެވެ. ނަމަވެސް އިޒުރޭލު ސިފައިން މީގެ މަހެއްހާ ދުވަސް ކުރިން ފަލަސްތީނުގެ ގާޒާގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެ ރަށުގައި ބޭއްވި ހަރަކާތްތަކުން ވަނީ 235،235 (ދެލައްކަ ތިރީސް ފަސްހާސް ދުއިސައްތަ ތިރީސް ފަހެއް) ރުފިޔާ ހޯދާފައެވެ. މި އަދަދަކީ ކުރިނބީގެ އާބާދީގެ ކޮންމެ ބޮލަކަށް 307.89 (ތިންސަތޭކަ ހަތް ރުފިޔާ އައްޑިހަ ނުވަލާރި) އެވެ.

ހަރަކާތްތަކުން ލިބުނު ފައިސާ މިހާރުވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ އެކައުންޓަށް ޖަމާ ކޮށްފައެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން އަންނަނީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ފާއިތުވި އަހަރު އިޒްރޭލުން ފަލަސްތީނުގައި ހިންގި ލާއިންސާނީ އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ކުރިނބީގައި ހިންގި ހަރަކާތްތަކުން ވެސް ވަނީ 164509 (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ފަސްސަތޭކަ ނުވަ ރުފިޔާ) ހޯދާފައެވެ.

ފަލަސްތީނު ފަންޑަށް އެހީވުމަށް ފައިސާ ހޯދުމަށް ހިންގި ހަރަކާތްތަކާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ކުރިނބީ ކައުންސިލް މެމްބަރ މުހައްމަދު އަފްޒަލް ބުނީ، އެ ފަންޑަށް ބޭނުންވާ ފައިސާ ހޯދުމަށް ކައުންސިލުން އިސްނަގައިގެން އެ ރަށު ސްކޫލާއި، ޑަބްލިއުޑީސީއާއި، ފެނަކައާއި، ސިއްހީ މަރުކަޒާއި ކުރިނބީ ޔޫތު މޫވްމެންޓް ޖަމިއްޔާއާއި ބައްދަލުވުމެއް ބޭއްވުނު ކަމަށާއި އެ ބައްދަލުވުމުން ނިންމީ ކޮންމެ މުއައްސަސާއަކުން ދެ މެމްބަރުން ހިމަނައިގެން އެ ހަރަކާތް ކޯޑިނޭޓްކުރާނެ ކޮމެޓީއެއް އެކުލަވާލަން ކަމަށެވެ. މިގޮތުން ކޮމެޓީއެއް އެކުލަވާލައި ފުރަތަމަ ވެސް ކޮމެޓީން ނިންމީ މިދިޔަ އޮކްޓޯބަރ މަހުގެ 20 ވީ ހުކުރު ދުވަހު އެ ރަށު ހުކުރު މިސްކިތުގައި ފަންޑް ފޮއްޓެއް ބެހެއްޓުމަށް ކަމަށެވެ. ހުކުރަށް ފަހު އެ ދުވަހުގެ ހަވީރު އެ ފަންޑް ފޮށި ހިފައިގެން އެ ރަށުގެ ހުރިހާ ގެއަކަށް ހިނގި ކަމަށާއި އެއަށްފަހު އެއްވެސް ތަނެއްގައި ފަންޑް ފޮށި ނުބަހައްޓާ ކަމަށެވެ.

ދެވަނަ ހަރަކާތެއްގެ ގޮތުގައި އެ ރަށުގައި ކުރިއަށް ގެންދިޔައީ ކާބޯތަކެތީގެ މައުރަޒެކެވެ. އެ ރަށުގެ ކަނބަލުން ލީޑުކުރި މިހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއި އެކުގައެވެ.

އެއަށްފަހު އެ ރަށުގެ ހުރިހާ މުއައްސަސާއެއްގެ ހުރިހާ މުވައްޒަފުންގެ މުސާރައިން އެއް ދުވަހުގެ މުސާރައަށްވާ ފައިސާ އެ ފަންޑަށް ހަދިޔާކުރިއެވެ. އަފްޒަލް ބުނީ އެއް ދުވަހުގެ މުސާރައިގެ މިންވަރު ހަދިޔާކުރަން ނިންމި ނަމަވެސް ގިނަބަޔަކު ވަނީ އެއަށްވުރެ އިތުރަށް ވެސް ފައިސާ ޖަމާކޮށްފައި ކަމަށެވެ.

އެ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން ކޮމެޓީން އިސްނަގައިގެން ވަނީ ކޯލް ސެންޓަރ ހަދައި އެ ރަށަށް ނިސްބަތްވާ މާލޭގައްޔާއި ރިސޯޓްތަކުގައި ވަޒީފާގައި އުޅޭ ފަރާތްތަކަށް ވެސް ގުޅައި ފަންޑަށް ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައެވެ. މިގޮތުން ޓްރާންސްފާއަށް ހުޅުވާލި ފުރުސަތުގެ ދަށުން ފަންޑަށް ވަނީ ގިނަބަޔަކު އެހީތެރިކަން ފޯރުކޮށްދީފައެވެ.

ފަލަސްތީން ފަންޑަށް އެހީހޯދުމަށް ކުރިއަށް ގެންދެވުނު ހަރަކާތްތަކަށް އެ ރަށު ސްކޫލާއި ސިއްހީ މަރުކަޒާއި ޑަބްލިއުޑީސީއާއި ފެނަކައިގެ އިތުރުން ކުރިނބީ ޔޫތު މޫވްމެންޓް ޖަމިއްޔާއިން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް ކައުންސިލުން ވަނީ ޝކުރު އަދާކޮށްފައެވެ. މީގެ އިތުރުން ހަރަކާތްތައް ލީޑުކުރި ކޮމެޓީގެ މެމްބަރުންނާއި ރަށުގެ ކުދިބޮޑު އެންމެން މި ފަންޑަށް އެހީތެރިކަން ފޯރުކޮށްދީ ނަމޫނާ ދައްކާފައިވާތީ ކައުންސިލުން ވަނީ އެކަންފާހަގަ ކޮށް އެ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި