ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ބަނދަރު ސަރަހައްދުން ވިޔަފާރިއަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ބިންތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެ ރަށު ބަނދަރުން އެކިއެކި ވިޔަފާރިއަށް ޖުމްލަ ފަސް ބިމެއް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާއިރު، ފިއުލް ސްޓޯރޭޖާއި ޕެޓްރޯލް ޝެޑް ހެދުމަށް 5598.78 އަކަފޫޓުގެ ދެ ބިމެއް 20 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކެފޭ ރެސްޓޯރެންޓް ހިންގުމަށް 1806.03 އަކަފޫޓުގެ އެއް ބިން 10 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްލުމަށް ނިންމާފައިވާއިރު، އާންމު ވިޔަފާރި ކުރުމަށް 1806.3 އަކަފޫޓުގެ ބިމަކާއި 2026.97 އަކަފޫޓުގެ ބިމެއް 10 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ވަނީ ހަމަޖެހިފައެވެ.
މި ބިންތަކަށް ކުރިމަތިލުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖޭގެ ކުންފުނިތަކާއި ބެހޭ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ވިޔަފާރިތަކަށެވެ.
މި ބިންތަކަށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެކަމަށް އެދި ރަޖިސްޓަރީ ވުމަށް އެ ކައުންސިލުން އެދިލައްވައެވެ. މި ބިންތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހު 13:00 ގައި މޮޅަދޫ ކައުންސިލް އިދާރާގައެވެ.