ރާވެރި އާއިލާއެއްގެ ހުވަފެން ހަޤީގަތަކަށް، ''މަރޮށީ ދިޔާހަކުރު'' ބާޒާރަށް!

IMG_3448

ރާވެރިކަން ނުވަތަ ރުއްއެރުމަކީ އިހު ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ކުރަމުންއައި ގަދީމީ މަސައްކަތެކެވެ. އިހުގައި މުޅި ރާއްޖޭގައި މި މަސައްކަތް ކުރަމުންއައި ނަމަވެސް ށ.އަތޮޅު މަރޮށްޓަކީ ރާވެރިކަމުގައި ރާއްޖޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ރަށެވެ. ހާއްސަކޮށް ރުކު ރަލުން ތައްޔާރުކުރެވޭ، މަރޮށީ ކަރުހަކުރާއި ދިޔާހަކުރަކީ ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ތަކެއްޗެވެ.

ދިވެހިންގެ އަމިއްލަ އުފެއްދުންތައް ޒަމާނާއި އެއްގޮތަށް ބަދަލުގެނެވި އެއިން ނަފާ ހޯދުމުގެ ވިސްނުމަކީ މިއަދު ދިވެހިންގެ ތެރޭގައި އާލާވެ ދިރެމުން އަންނަ ވިސްނުމެކެވެ.

މަރޮށީ ނިޔާމަ/ އެ އާއިލާއިން "ދިމޮޅުފުޑްސް" ގެ ނަމުގައި ބްރޭންޑެއް އުފައްދައި އެ ބްރޭންޑްގެ ދަށުން މަރޮށީ ދިޔާހަކުރު އިންޓަނޭޝަނަލް މާކެޓްތަކުގައި ވެސް ވިއްކޭނެ ކޮލެޓީގައި މިވަނީ މާކެޓަށް ނެރެފައެވެ.

ދިޔާހަކުރު ބަންދުކުރުމަށް ބޭނުންކުރާ ބިއްލޫރި ފުޅި ރާއްޖެއިން ބޭރުން އެތެރެކުރި ނަމަވެސް ދިޔާހަކުރު ރަނގަޅު ކޮލެޓީގައި ތައްޔާރު ކުރަނީ އެ އާއިލާގެ މަސައްކަތުންނެވެ. މި ފުޅިތަކުގައި ޖަހާފައިވާ ލޭބަލް ޕްރިންޓް ކުރަނީ ރާއްޖެއިންނެވެ. ފުޅިތަކުގައި ލޭބަލް ޖެހުމާއި ފުޅިތައް ޕެކް ކުރުމުގެ މަސައްކަތަކީ އެ ކަމަށް ހާއްސަ ކުރެވިފައިވާ ނިޒާމުގެތެރެއިން އެ އާއިލާއިން ކުރަމުން އަންނަ މަސައްކަތެކެވެ.

މި އުފެއްދުމާއި ގުޅޭގޮތުން މި ނޫހާއި ވާހަކަ ދައްކަމުން ދިމޮޅުފުޑްސްގެ އެއް ފައުންޑާ ރުސަބް އަބްދުﷲ ބުނީ އޭނާގެ އާއިލާއަކީ އަބަދުވެސް ރާވެރިކަން ކުރަމުން އަންނަ އާއިލާއެއް ކަމަށާއި، ރަލުން ތައްޔާރުކުރެވޭ ތަކެތި ރަނގަޅު ބްރޭންޑިން އެއްގައި ރަނގަޅު ކޮލެޓީއެއްގައި މާކެޓައް ނެރެ ނަފާ ހޯދުމަކީ އެންމެ ކުރިންސުރެ އޭނާ ވިސްނަމުން އައިކަމެއް ކަމަށެވެ.

މިގޮތުން ފާއިތުވި އަހަރެއްހާ ދުވަހު އާއިލާތެރޭ ކުރެވުނު މަޝްވަރާއާއި ކުރެވުނު މަސައްކަތުން އެކަން ހާސިލް ކުރެވި ރަނގަޅު ކޮލެޓީއެއްގައި ދިޔާހަކުރު މާކެޓަށް މިހާރު ނެރެވިފައިވާ ކަމަށެވެ.

ދިޔާހަކުރު ހެދުމަށް ބޭނުންވާ ރުކު ރާ ހޯދަނީ ވެސް ރާވެރިކަމުގައި ދިގު މާޒީއެއް އޮތް އެ އާއިލާގެ މެމްބަރުންގެ މަސައްކަތުންނެވެ. ރަށު ކައުންސިލުން އެ ރަށުން ވަރުވާއަށް ދޫކޮށްފައިވާ ދެ ރުއްގަނޑު ކުއްޔަށްނަގައި އެ އާއިލާއިން އަންނަނީ ގިނަ ރުއްތަކެއް ރާކުރަމުންނެވެ. މި މަސައްކަތުގެ އެންމެ އިސްފަރާތަކީ އެ އާއިލާގެ ވެސް އެންމެ އިސްފަރާތްކަމުގައިވާ ކުދިންގެ ބައްޕައެވެ.

ރުސަބް އިތުރަށް ބުނީ މި ޕްރޮޑަކްޓްގެ ކޮލެޓީއާއި މެދު ސައްކުކުރާނެ ޖާގައެއް ނޯންނާނެ ކަމަށާއި މި ދިޔާހަކުރު ތައްޔާރުކުރެވެނީ ސާފްތާހިރު ކަމަށް ވަރަށް ބޮޑަށް އިސްކަން ދެވިގެން ކަމަށެވެ. ރަހަ ބަލައިލާ މި ޕްރޮޑަކްޓް ތަޖުރިބާ ކޮށްލުމުން އެކަން ވަރަށް ފުރިހަމައަށް އެނގިގެންދާނެ ކަމަށެވެ.

ރުސަބް އިތުރަށް ބުނީ ފުރަތަމަ މި ޕްރޮޑަކްޓް ތަޢާރަފް ކުރުމުގެ ގޮތުން އުފެއްދީ 100 ފުޅި ދިޔާހަކުރު ކަމަށާއި އެ ފުޅިތައް އެންމެ ހަ ދުވަސްތެރޭ ވިކި ހުސްވެފައިވާ ކަމަށެވެ. އަދި ބައެއް ފިހާރަތަކުން ވެސް މި ޕްރޮޑަކްޓް ހޯދަން ގުޅަމުން އަންނަ ކަމަށާއި އެ ފަރާތްތަކާއި ގުޅިގެން އިތުރަށް މި މަސައްކަތް ކުރިއަށް ގެންދަން ވިސްނަމުން އަންނަ ކަމަށެވެ.

ރުސަބް ބުނީ ދިޔާހަކުރު ތައްޔާރު ކުރުމަށް ބޭނުންވާ ރާ ބޭނުންވާވަރަށް ލިބުމުގައި ދަތިތަކެއް ހުރުމުން މިވަގުތު އެންމެ ބޭނުންވާވަރަށް ދިޔާހަކުރު އުފެއްދެމުގައި ގޮންޖެހުންތަކެއް ހުރިކަމަށެވެ. ނަމަވެސް މާދުރުނޫން މުސްތަގުބަލެއްގައި އެކަމަށް ވެސް އަވަސް ހައްލެއް ލިބި ރަނގަޅު އަދަދަކަށް ދިޔާހަކުރު އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

މިވަގުތު ދިމޮޅުފުޑްސްގެ ދަށުން އުފައްދަމުން އަންނަނީ 350 އެމްއެލްގެ ދިޔާހަކުރު ފުޅި އެކަންޏެވެ. ކުރިއަށް އޮތްތަނުގައި މި މަސައްކަތް ފުޅާވެ އިތުރު ސައިޒްތަކުގެ ފުޅި ތަޢާރަފްވެގެން ދާނެކަމަށާއި މި ބްރޭންޑްގެ ދަށުން ކަރުހަކުރު ވެސް ވަރަށް އަވަހަށް ބާޒާރަށް ނެރުމުގެ މަސައްކަތް ކުރަމުން އަންނަކަން ރުސަބް ވަނީ ފާހަގަ ކޮށްފައެވެ.

މިވަގުތު 350 އެމްއެލްގެ ފުޅިއެއް ވިއްކަމުން އަންނަނީ 250 ރުފިޔާއަށެވެ. އުފެއްދޭ މިންވަރު އިތުރުކުރެވި އިތުރު މާކެޓްތައް ލިބި ކުރިއަށްދާވަރަކަށް އަގުތަކަށް ވެސް ހެޔޮ ބަދަލެއް ގެނެވޭނެކަމަށް ރުސަބް ގަބޫލްކުރެއެވެ.

⛱️Beach chilling Vibes Check ✅️
Complete your EID holdiday Beach plans with Maroshi Dhiyaahakuru and traditional...

Posted by Dhimolhufoods on Saturday, June 24, 2023

ރުސަބް ބުނީ ތަޢާރަފް ކުރެވިގެން މި ދިޔަ މަރޮށީ ދިޔާހަކުރަކީ، ރަށުގެ ފަހުރުވެރި ނަން ދިރިގެންދާނެ ފަދަ އުފެއްދުމަކަށް ހަދައި މި މަސައްކަތް ފުޅާކުރުމަށް މި މަސައްކަތަށް ހާއްސަ ރަށެއް ލިބި ފެކްޓަރީ ލެވެލްގައި މި މަސައްކަތްކުރެވި ބޭރުގެ މާކެޓްތަކާއި ހިސާބައް މި އުފެއްދުންތައް ގެންދިޔުމަކީ އުންމީދެއް ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިޔޭ ދެން ނޫސްތަކުގެ މައްްސަލަ އަކީ. ފުޅީގަ ރީތިކޮށް މަރޮށި ދިޔާހަކުރު ލިޔެފަ އޮވަ ދެން ކޮން މަރޮށީ އެއް ކިޔަކާކަށްތަ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި