ޑިމޮކްރަސީގެ ދަތުރުގައި އެންމެ ގިނަ ލަކުނުތައް ލަމުންދަނީ ސަލާމަތީބާރުތަކުގެ ސަފުތަކުގައި: ނާޒިމް

Col. Nazim

ދިވެހިންގެ ޑިމޮކްރަސީގެ ދަތުރުގައި، އެންމެ ގިނަ ލަކުނުތައް ލަމުންދަނީ ސަލާމަތީ ބާރުތަކުގެ ސަފުތަކުގައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލުކުރަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ ސަލާމަތީ ބާރުތަކަކީ ގައުމީ ސަލާމަތުގެ އެންމެ އިސް އަދި އެންމެ ފަހު ސަފު ކަމަށާއި އެހެނަސް މިއަދު ސިފައިންނާއި ފުލުހުންވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ދެކޮޅުވެރިކަމުގެ ހަމަނުޖެހުމުގެ ތެރޭގައި ތާށިކޮށްފައި ކަމަށެވެ. އަދި ސަފުތަކުގެ ބަދަހިކަން ގެއްލި، މުއައްސަސާގެ ތެރޭގައި ރެނދުލާން ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ ބަހުސްއާ އެއްކޮޅަށް  މިއަދުވެސް މަޖުބޫރުކުރަމުންދާ ކަމަށާއި ރާއްޖޭގެ ތާރީޚުވެސް އޮޅުވާލަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުއައްސަސާގެ ޝަރަފުވެރި ޚިދުމަތުގެ ރިކޯޑުތައް ވެސް ބަދަލުކުރާ ކަމަށް ވިދާޅުވިއެވެ.

" މިއަދު މިކަންވަނީ ދުސްތޫރީ ހުރިހާ ހަމައަކުން ބޭރުވެ، ޤައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފަ. ޤައުމުދެކެ ލޯބިވާ އެއްވެސް ސިފައިންގެ މީހަކު އަދި ފުލުހެއްގެ ޒަމީރު ގަބޫލު ނުކުރާ ހިސާބަށް ކަންކަން ގޮސްފަ." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ގައުމުގެ އެންމެމަތީ މަޞްލަޙަތުތަކާ ގުޅިފައި ހުންނަ މައްސަލަތައް ދިފާޢުކުރަން ސިފައިން ޔުނިފޯމްގައި ނެރުމަކީ ދުޝްމަނުންނަށް ގައުމީ ސަފުތަކުގެ ބަލިކަށިކަން ދައްކުވައިދޭނޭ މަންޒަރެއް ކަމަށެވެ. އަދި ވެރިންގެ އަމިއްލަ އެދުމުގައި، ގައުމީ ލަޝްކަރުތައް ކުޑަކަކޫ ޖެއްސިދާނޭކަން އަންގައިދޭނޭ ނިޝާނެއް ކަމަށެވެ.

މިއީ ޤައުމުގެ ސަލާމަތުގެ އައްޑަނައިގައި ޖަހާ ބިރުވެރިކަމުގެ އިންޒާރެއް ކަމަށާއި މިހާލަތުގައި، ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ، ވަކި ފަރާތަކަށް ނުޖެހި ގައުމީ މަޞްލަހަތުގައި މަސައްކަތްކުރުމުގެ ފުރުޞަތު ސަލާމަތީ ބާރުތަކަށް ހޯދައިދިނުމަކީ ގައުމީ ވާޖިބެއް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި