އިހަވަންދޫ ޕޯލްސްޓާއިން ތަރައްޤީކުރި ޑިޖިޓަލް ނޯޓިސް ބޯޑް އެރަށު ސްކޫލާއި ހަވާލުކޮށްފި

IMG_6722

އިހަވަންދޫ ކުލަބް ޕޯލްސްޓާގެ ފަރާތުން އިހަވަންދޫ ސްކޫލުގައި ތަރައްޤީކުރި ޒަމާނީ ފެންވަރުގެ ޑިޖިޓަލް ނޯޓިސް ބޯޑް ރަސްމީކޮށް އެ ސްކޫލާއި ހަވާލުކޮށްފިއެވެ.

މި ނޯޓިސްބޯޑް ރަސްމީކޮށް ހަވާލުކޮށްފައި ވަނީ އެ ކަމަށްޓަކައި ރޭ އިހަވަންދޫ ސްކޫލް ގޭޓް ކުރިމަތީ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ސްކޫލްގެ ފަރާތުން މި ނޯޓިސް ބޯޑައި ހަވާލުވެލައްވާފައި ވަނީ އެ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ރަޝީދެވެ.

މި ނޯޓިސް ބޯޑުގައި ދެބައެއް ހިމެނެއެވެ. އެއީ ޑިޖިޓަލް ބަޔަކާއި އާދައިގެ ބައެކެވެ. މި ނޯޓޮސް ބޯޑު ހިޔާކުރުމުގެ ގޮތުން ޒަމާނީ ފުރާޅެއްވެސް އެތަނުގައި ވަނީ ހަދާފައެވެ. މި ޕްރޮޖެކްޓަކީ މޯލްޑިވިއަން ކޮމިއުނިޓީ ފައުންޑޭޝަނުގެ ހިލޭ އެހީގެ ދަށުން، އިހަވަންދޫ ކްލަބް ޕޯލްސްޓާއިން ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓެކެވެ.

ކުލަބް ޕޯލްސްޓާއިން ބުނީ މި ޕްރޮޖެކްޓަކީ މޯލްޑިވިއަން ކޮމިއުނިޓީ ފައުންޑޭޝަނަށް ޕްރޮޕޯޝަލް ހުށަހަޅައިގެން ކާމިޔާބު ކޮށްފައިވާ ޕްރޮޖެކްޓެއް ކަމަށާއި، މި ޕްރޮޖެކްޓްގެ ތެރެއިން އިހަވަންދޫ ސްކޫލުގައި ތަރައްޤީ ކުރެވިފައިވާ ޑިޖިޓަލް ނޯޓިސް ބޯޑް ތަރައްޤީ ކޮށްފައި އެ ވަނީ އެ ސްކޫލާއި މަޝްވަރާކުރެވި އެ ފަރާތުގެ ހިޔާލާއި އެކުގައި ކަމަށެވެ. މި ނޯޓިސް ބޯޑުގެ ސަބަބުން އެ ސްކޫލުގެ ބެލެނިވެރިންނާއި ދަރިވަރުންނަށް ފައިދާތަކެއް ލިބިގެންދާނެ ކަމުގައި އެ ކުލަބުން ދެކެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ރަޝީދު ވިދާޅުވީ ސްކޫލެއް ކުރިއަރައި ދިޔުމުގައި ރަށުގެ އެންމެހާ ފަރާތްތަކުގެ ބައިވެރިވުން މުހިންމު ކަމަށާއި، މިގޮތުން އެ ސްކޫލުގެ ކުރިއެރުމަށް އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބް ޖަމިއްޔާތަކުގެ އެހީތެރިކަން ވަރަށް ފުރިހަމައަށް ލިބެމުން އަންނަ ކަމަށެވެ. ޕޯލްސްޓާގެ ފަރާތުން އެ ސްކޫލުގައި ތަރައްޤީ ކޮށްފައި މިވާ ޒަމާނީ ޑިޖިޓަލް ޏޯޓިސް ބޯޑުން ވެސް އެކަން ފެނިގެންދާކަމަށެވެ.

ޕްރިންސިޕަލް އިތުރަށް ވިދާޅުވީ މި ނޯޓިސް ބޯޑުގެ ސަބަބުން ސްކޫލުގެ ބެލެނިވެރިންނާއި ދަރިވަރުންނަށް ފޯރުކޮށްދޭނެޖެހޭ މެސެޖްތައް ފަސޭހަކަމާއިއެކު ފޯރުކޮށްދެވިގެންދާނެ ކަމަށް ޤަބޫލްކުރައްވާކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *