ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މުވައްޒަފުން މާލޭގެ 12 ސަރަހައްދެއް މިއަދު ސާފުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލާއި ޑައިވް ޑެސްކާ ގުޅިގެން މިއަދު ހެނދުނު 6:30 އިން ފެށިގެން 9:00 އަށް ހިންގި އެ ހަރަކާތުގައި އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނުގެ އިތުރުން ލޯކަލް މާކެޓު ސަރަހައްދުވެސް ހިމެނޭހެން އާންމު ތަންތަނާއި މޫދު ވަނީ ސާފުކޮށްފައެވެ. އަދި ލޯކަލް މާރުކޭޓުގެ ބޭރު ފާރުގައި ކުލަ ލާފައިވެއެވެ.
މި ހަރަކާތުގައި ބޭންކުގެ 200 އެއްހާ މުވައްޒަފުން ބައިވެރިވިއެވެ. މިއީ މި މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަކުރާ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅުވައިގެން ބީއެމްއެލްގެ މުވައްޒަފުން ހިންގި ހަރަކާތެކެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އެ ހަރަކާތުގައި މުވައްޒަފުންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބުނު ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލުން ވެދިން އެހީތެރިކަމަށްވެސް ޝުކުރު އަދާކުރިއެވެ.
"މި ސަރަހައްދުތަކުގައި ވަރަށް ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅާއި ފުޅި ހުރި. އެއް ނަންބަރު ފާލަން ކައިރިއަށް ކުރި ޑައިވްގައިވެސް ޓަޔަރާއި ފުޅިފަދަ ތަކެތި ނެގުނު. އަދި ވަކިން ހާއްސަކޮށް ނެޓް ބޭނުންކޮށްގެން މަސްމާރުކޭޓު ކުރިމަތީގެ ފަޅުތެރެވެސް ސާފުކޮށް ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އާއި ކޮތަޅު ނެގުނު،" ސައީދު ވިދާޅުވިއެވެ.
ބީއެމްއެލުން ބުނީ، ސާފުކުރުމުގެ ހަރަކާތުގައި މާލެއިން ޖުމުލަ އަށް ޓަނުގެ ކުނި ނެގި ކަމަށެވެ. އަދި ޕާލޭގެ ޖަމްބޯ ބޭގުގެ ހަ ބޭގް ޕްލާސްޓިކް ރީސައިކަލް ކުރުމަށް ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ބޭންކުގެ މޫނުމަތި ރީތިކުރުމަށް ނެރެފައިތިބި ކުދިންކޮޅެއް. ރައްޔިތުންގެ ފައިސާއިން ވައްކަންކުރާ ބޭންކުގެ މުވައްޒަފުންނަށް ވާގޮތެއްވެސް އެބަޖެހޭބަލަން. މައުލޫމާތު އިނގޭ ބޭންކުގެ މުވައްޒަފަކު ބުނަނީ ވަންކަންކުރާ މުވައްޒަފުން ސިއްރުކޮށް ވަޒީފާއިން ވަކިކުރާވާހަކަ. މިއީ ދެންތިބި މުވައްޱަފުންނަށްވެސް ވައްކަންކުރުމަށް ހިއްވަރުދިނުމުގެ ކަމެއްގެގޮތުގައި އޭނާފާހަގަކުރޭ. މިލިއަނުން ލާރި ކާލާއިގެން އިތުރު އަދަބެއް ޖަލުހުކުމެއްވެސްނުލިބި ވަޒީފާގެއްލުނަސް މާކަބޮޑުކަމަކަށްނުވާނެތާ. އޭނާ ލިބުނު ފައިސާތަކާއިއެކު އެހެން ވަޒީދާއެއްގައި މާއުފަލުގައި އުޅެވޭނެތާ.
ބޭންކުގެ މޫނުމަތި ސާފުކުރަން މިހާރު ދެބޯގެރި ދުއްވަނީ. މިހުރިހާކަމެއް ވަރަށް ރަނގަޅަށްއިނގޭ ބޭންކުގެ މުވައްޒިފަކު ބުނާގޮތުން ރައްޔިތުން ރައްކާކުރަންދޭ ފައިސާއިން ވައްކަންކުރުމަކީ ބޭންކްގައި ހިގާކަމެއްކަމާއި އެކަމަކު ފަޅައިރައިފިނަމަ މިޒާތުގެ އެއްވެސްއެކަމަށް ބޭންކުގެ އިހުމާލެއްނެއްކަން ވަރަށްމޮޅަށް ދައްކާނެކަމަށާއި ވަކަންކުރި މުވައްޒިފުމީހާ ވަޒީފާއިން ވަކިކޮށް އެމައްސަލަވެސް އޮއްބާލާނެކަމަށް އޭނާބުނެފައިވޭ. ގެންލުން މިލިބެނީ ފައިސާގެ ވެރިފަރާތަށް އެކަނިކަމާއި ވައްކަންކުރިމީހާއަށް އެއްވެސް އަދަބެއްނުލި އޭނައަކީ ކާކުކަންވެސް އެއްވެސްމީހަކަށްނޭނގި ދެންފެންނާނީ އެހެންތަނަކުން ވަޒީފާހޯދައިގެން ލިބުނުފައިސާތަކާއިއެކު އުފަލުގައި އުޅެމުންދާމަންޒަރުކަމާއި އެހެން މުވައްޒަފުންވެސް ފަޅާނާރާނެހެން މޮޅެތިއުކުޅުތަކާއި ހުނަރު ބޭނުންކޮށްގެން ވައްކަންކުރިއަސް އެއީ އެއްވެސް މައްސަލައެއްނޫންކަމަށް މުވައްޒިފުން ވިސްނުމަށްދޭ މެސެޖެއްކަމަށާއި މިކަމަކީ ގިނަބަޔަކު ގުޅިގެންހިންގާ ވަރަށްބޮޑު ޖަރީމާއެއްކަމަށް އޭނާބުނެފައިވޭ.