އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރަން ވާނީ އިލާހީ ވަޙީގައި ވާ ފަދައިންނެވެ.

1606460053_5fc0a2953c645_barbed-wire-fencing

ނެތުމުގެ ތެރެއިން އިންސާނާ ވުޖޫދު ކުރައްވައި ދުނިޔޭގައި ލެއްވި ކަށަކުޅަދުންވަންތަ އިލާހަކީ ހަމަކަށަވަރުން މާތް ﷲ އެވެ. އޭނައަށް އިންސާނަކަށް ވުމުގެ ޙައްޤު ލިބިގެން ދިޔައީ އެ ޙައްޤު އެ އިލާހު ދެއްވުމުންނެވެ.

އިންސާނާ ދުނިޔެއަށް ފޮނުއްވަވައި އޭނާ އުޅޭނޭ ގޮތުގެ އިރުޝާދާއި ތަޢުލީމާތުތައް އެ އިލާހު ވަނީ ބާވައިލައްވާފައެވެ. އިލާހީ ރިސާލާތުގެ ގޮތުގައެވެ. ކޮންމެ އުންމަތަކަށް ވެސް ނަބީ ބޭކަލުން ފޮނުއްވެވިއެވެ. އެ ބޭކަލުން މެދުވެރިކުރައްވައި އިންސާނިއްޔަތަށް ހިދާޔަތުގެ ނޫރު ދެއްކެވިއެވެ.

އަޅުގަނޑުމެންގެ އުއްމަތަށް ބަލާއިރު، އަޅުގަނޑުމެންގެ އުއްމަތަށް އެ އިލާހު ދެއްވާފައި ވަނީ އެންމެ މާތް ފޮތެވެ. އެހެން ހުރިހައި ފޮތެއްގެ މައްޗަށް ވާ މުހައިމިނެއް ކަމުގައި ވާ ކީރިތި ޤުރުއާނެއެވެ.

މިއީ ޚާތަމުލްއަންބިޔާއި ވަލްމުރްސަލީންގެ އުންމަތެވެ. ފޮތާއި ޙިކުމަތާއި މަތިވެރި އަޚްލާޤާއި ޙައްޤާއި ޢަދުލާއި އިންޞާފުގެ އުންމަތެވެ. ޤުރުއާނާއި ސުންނަތުގައި އިންސާނީ ޙައްޤުތަކާއި އެހެނިހެން ހުރިހައި ޙައްޤުތަކެއް ވެސް ބަޔާން ވެގެން ވެއެވެ. އިސްލާމްދީން ބާވައިލެއްވުނީ ވެސް އިންސާނުން އަޅުތަކުންގެ އަޅުވެތިކަމުން މިނިވަން ކުރައްވައި އެއްކައުވަންތަ ޚާލިޤަށް އަޅުކަން ކުރުމަށެވެ. މުޅި މި ކާއިނާތުގެ ޚަލްޤު ގުޅިފައިވާ މަޤްޞަދަކީ ވެސް އެއީ އެވެ.

ހިތާމަ އަކީ، އަޅުގަނޑުމެންގެ ތެރެއިން މި ޙަޤީޤަތްތައް ބަޔަކު މީހުން ހަނދާން ނެތިފައި ވާ ކަމެވެ. ޙައްޤުތަކުގެ ނަމުގައި ކާފަރުން ހަދާފައި ވާ އެކިއެކި މުޢާހަދާތަކާއި އެއްބަސްވުންތަކަކީ އެބައިމީހުންގެ ޤުރުއާން ކަމުގައި ބަލައިގަނެފައިވާ ކަމެކެވެ. އިންސާނީ ޙައްޤުތަކާއި އަންހެނުންގެ ޙައްޤުތަކުގެ ނަމުގައި ކަށަކުޅަދުންވަންތަ މާތް ﷲ ގެ ފުރިހަމަ ޝަރީޢަތަށް ފާޑު ކިޔުމަށް ފަހު މާއްދީ ފަލްސަފާތަކުގެ މައްޗަށް ހެދިފައިވާ މުޢާހަދާތަކާއި އެއްބަސްވުންތަކަކީ އެންމެ މާތް މަތިވެރި އެއްޗެހި ކަމުގައި ބަލައިގެންފިއެވެ. މާތް ﷲގެ ދީނާއި އެ އިލާހުގެ ޝަރީޢަތުގައި ވާ މަތިވެރި އުސޫލުތަކަށް ޙުކުމްފުޅުތަކަށް ތަޙައްދީ ކުރަން ފަށައިފިއެވެ.

ޙައްޤުތަކުގެ ނަމުގައި ދީނުގެ އެތަކެއް ޤަޠުޢީ އަޙްކާމުތަކެއް ނަގައި އެއްލައިލަން ގޮވައިލަން ފަށައިފިއެވެ. ނުވަތަ އެ ޙުކުމްފުޅުތަކުގެ ބާރު ކަނޑުވައިލައި، މި ދެންނެވި މުޢާހަދާތަކާއި އެއްބަސްވުންތަކާ ފުށު ނާރާ ގޮތަކަށް އިލާހީ ވަޙީ ހަވާނަފްސާ އެއްގޮތަށް މާނަ ކުރަން ގޮވައިލަން ފަށައިފިއެވެ.

ދަންނާށެވެ. މުސްލިމުންނަށް، މުއުމިނުންނަށް މާތް ﷲ ގެ ޝަރީޢަތަށް ވުރެ ފުރިހަމަ ޝަރީޢަތެއް ނޯންނާނެއެވެ. މުސްލިމުންނަށް، މުއުމިނުންނަށް މާތް ﷲ ބާވައިލެއްވި ޤުރުއާނަށް ވުރެ މަތިވެރި ޤައިޑްލައިނެއް ނޯންނާނެއެވެ. އެއަށްވުރެ މަތިވެރި ޗާޓަރެއް ނޯންނާނެއެވެ. އެއަށްވުރެ މަތިވެރި މުޢާހަދާއެއް ނޯންނާނެއެވެ.

އެއީ ޚާލިޤާ މަޚްލޫޤުންނާ ދެމެދުގައި ވާ މަތިވެރި މުޢާހަދާ އެކެވެ. މުސްލިމުންނަށް، މުއުމިނުންނަށް މާތް ނަބިއްޔާ صلى الله عليه وسلم އަށް ވުރެ މަތިވެރި މުފައްކިރެއް، މުޙައްލިލެއް، މުޞްލިޙެއް، ޤާއިދެއް، ނަމޫނާއެއް ނުވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *