ލަހުފާންގެ އަމާޒު ހުރީ ސީނިއާ ޤައުމީ ޓީމުން ފުރުޞަތު ހޯދަން!

Lahufaan

ރާއްޖެތެރޭ ރަށެއްގައި ނަމަ ފުރަތަމަ ފުޓްބޯޅަ ދަނޑަކީ ގޭ ދޮށުގައި އޮންނަ ހުސްތަންކޮޅެވެ. ނުވަތަ ގޭ ކުރިމަތީ އޮންނަ މަގެވެ. އެއަށްފަހު އަތިރިމަތީ ރުއްވަލެވެ. މިއީ ރާއްޖެތެރޭ ގިނަ ކުދިން ފުޓްބޯޅަ ކުޅުން ފެށިގެން އަންނަ ގޮތެވެ. ހަގު އުމުރުގައި، ލަހުފާން އަޙްމަދު ޝަހީމް އަށް ވެސް ފުޓްބޯޅައިގެ ފެށުން އޮތީ މިގޮތަށެވެ.

ލަހުފާން އަޙްމަދު ޝަހީމް ނިސްބަތްވަނީ ތިލަދުންމަތީގެ ދެ ރަށަކަށެވެ. ބައްޕަ ހދ. ވައިކަރަދޫ އަށް ނިސްބަތްވާއިރު މަންމަގެ ރަށަަކީ ހއ. ބާރަށެވެ.

އުމުރުން ހަތް އަހަރުގައި ލަހުފާން ކިޔަވަން މާލެ ބަދަލުވެ ފުރަތަމަ ގުޅުނީ ހުޅުމާލޭ ސްޕޯޓްސް ސްކޫލާއެވެ. އެއީ އޭނާ ފުޓްބޯޅައިގެ ތެރެއަށް ވަނުމަށް އެޅުނު ފުރަތަމަ ބިންގަލެވެ. އެއަށްފަހު ވެލެންސިއާގެ އެކަޑަމީގައި ތަމްރީންތައް ހަދައި، މިހާރު އޭނާއަކީ ކުލަބް ވެލެންސިއާގެ ކުޅުންތެރިއެކެވެ. އުމުރުން 15 އަހަރުގެ ލަހުފާން މިހާރު ތަޢުލީމް ހާސިލް ކުރަމުން އަންނަނީ ރެހެންދި ސްކޫލްގެ ގްރޭޑް 9 ގައެވެ.

ލަހުފާންގެ ހުނަރު ގިނަބައެއްގެ ލޮލުގައި އަޅައިގަތީ ތޭރައަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އޭނާ ދެއްކި މޮޅުކުޅުމާއި ގުޅިގެންނެވެ. އެ މުބާރާތަށް ފަހު އޭނާއަށް 14 އަހަރުން ދަށުގެ ގައުމީ ޓީމުން ވަނީ ފުރުޞަތު ލިބިގެން ގޮސްފައެވެ.

2020 ވަނަ އަހަރު ޑުބާއީގައި އޮތް އިންޓަކޮންޓިނެންޓަލް ކަޕްގައި ރާއްޖޭގެ 13 އަހަރުން ދަށުގެ ޤައުމީ ޓީމް ވާދަކުރި އިރު އެ ޓީމްގައި ވެސް ލަހުފާން ވަނީ ހިމެނިފައެވެ. އޭގެ ފަހުން 17 އަހަރުން ދަށުގެ ގައުމީ ޓީމުން ފުރުޞަތު ލިބި އެ އުމުރުފުރާގެ ދެ މުބާރާތްކަމަށްވާ ސާފް ޗެމްޕިއަންޝިޕަށާއި އޭއެފްސީ ކަޕަށް ދިޔުމަށް އޭނާ ވަނީ ޓީމަށް ސެލެކްޓްވެ ތަމްރީންތައް ހަދާފައެވެ. ލަހުފާންއަކީ މިހާރުވެސް ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމްގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިއެކެވެ.

ލަހުފާން ފާހަގަ ކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މިދިޔަ އަހަރު ބޭއްވި 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ވެލެންސިއާ އާއިއެކު ކާމިޔާބު ކުރުމާއި، މި އަހަރު ބޭއްވި 17 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ތަށި ރެހެންދި ސްކޫލާއި އެކު ކާމިޔާބު ކުރުން ހިމެނެއެވެ. މި ކާމިޔާބީތައް ހޯދުމުގައި އެ ޓީމްތަކުގެ ފަހަތުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ލަހުފާން އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި ދެކެމުން އަންނަނީ ހަގު އުމުރުގައި އެކި އުމުރު ފުރާގެ ޤައުމީ ފުޓްބޯޅަ ޓީމްގައި، ހިމެނި ޤައުމު ތަމްސީލް ކުރުމުގެ ފުރުޞަތުލިބި އަދި މިހާރުވެސް އެކަމުގައި ދެމި ހުރެވުމެވެ.

ލަހުފާންގެ ބައްޕަ އަޙްމަދު ޝަހީމް އޭނާގެ ދަރިފުޅުގެ ފުޓްބޯޅައިގެ ހުނަރު ފުރަތަމަ ވެސް ސިފަކޮށްދީފައި ވަނީ ޔޫކޭޖީ އުމުރުފުރާގައި ކުޅުނު މެޗަކުންނެވެ. ބާރަށު ޕްރީސްކޫލްގައި، ޕްރީސްކޫލް އުމުރުފުރާގެ މުބާރާތެއްގައި ލަހުފާން ހިމެނޭ ޓީމް އެއް މެޗުގައި 22 ލަނޑު ޖެހިއިރު އޭގެ ތެރެއިން 21 ލަނޑު ޖަހާފައި ވަނީ ލަހުފާންއެވެ.

"ފުޓްބޯޅައިގެ އިތުރުން ފެތުމާއި ހޭންޑްބޯޅައަށް ވެސް އަދި އެތުލެޓިކްސްއަށް ވެސް ދަރިފުޅު ފުދޭވަރަކަށް ރަނގަޅު ވާނެ" ލަހުފާންއަކީ ކުޅިވަރުގައި އާދަޔާ ޚިލާފް ހުނަރެއް ލިބިގެންވާ ކުއްޖެއްކަން ސިފަކުރަމުން އޭނާގެ ބައްޕަ ބުނެފައިވެއެވެ.

ލަހުފާން އެންމެ ގަޔާވާ ކުޅިވަރަކީ އަދި ކުރިއަށް ދާން އެންމެ ބޮޑަށް ބޭނުންވާ ކުޅިވަރަކީ ފުޓްބޯޅަކަމުގައި ވިޔަސް ފާހަގަ ކުރެވުނު ކުޅިވަރުތަކުގައި އޭނާއަކީ ރެހެންދި ސްކޫލުގައި ފާހަގަ ކޮށްލެވޭ ދަރިވަރެކެވެ.

ޝަހީމް އިތުރަށް ބުނެފައި ވަނީ ދަރިފުޅު ކުރިއެރުމުގެ އަސްލަކީ ކުޅިވަރުގައި ވެސް އަދި އުނގެނުމުގައި ވެސް ހިތްވަރާއިއެކު މަސައްކަތް ކުރުމާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން ކަމަށެވެ.

ލަހުފާންއާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އޭނާގެ މަންމަ އާސިފާ ބުނެފައި ވަނީ ވަރަށް ކުޑައިރު ވެސް ލަހުފާންގެ ފުޓްބޯޅައިގެ ހުނަރު ފާހަގަ ކުރެވެން ފެށި ކަމަށާއި، އެ ދުވަހުން ފަށައިގެން ދެކެން ބޭނުންވީ ދުވަހަކީ ދަރިފުޅު ޤައުމީ ޖޯޒީގައި ދަނޑުމަތީގައި ޤައުމު ތަމްސީލްކުރާތަން ފެނުން ކަމަށެވެ. މަންމަގެ ހުވަފެން ލަހުފާންގެ އުމުރުން އެންމެ 12 އަހަރުގައި ހަގީގަތަކަށް ހަދާފައިވާ ކަމަށާއި، އޭގެ ފަހުން ދަރިފުޅު މިހާތަނަށް ވެސް އެކި އުމުރުފުރާގެ ޤައުމީ ޓީމްގައި ހިމެނުމުން އައުމަކީ ބޮޑު އުފަލެއް ކަމަށެވެ.

ލަހުފާން ފުޓްބޯޅައިން ކުރިއަށް ދިޔުމަށް މިހާތަނަށް އެހީތެރިވެދެއްވި ފަރާތްތަކަކީ އޭނާގެ ހިތުގައި ވަރަށް ހާއްސަ މަޤާމެއް ދެވިފައިވާ ބައެކެވެ. މިގޮތުން ކުޑަހީނާ ކޯޗާއި ޝުޖާ ކޯޗުގެ އިތުރުން އެހީތެރިވެދެއްވި އަދި އެހީތެރިވެދެއްވަމުން އަންނަ އެންމެހާ ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

އުނގެނުމުގެ މަރުހަލާއާއިއެކު ފުޓްބޯޅައިގައި ކުރިއެރުން ހޯދަމުން އަންނަ ލަހުފާންގެ އަމާޒަކީ ޕްރޮފެޝަންއެއްގެ ގޮތުގައި ފުޓްބޯޅަކުޅުމެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާގެ މިހާރު އޮތް އަމާޒުތަކުގެ ތެރޭގައި ފުޓްބޯޅައިން އިތުރު ތަމްރީންތައް ފުރިހަމަކުރުމަށް ރަނގަޅު ފެންވަރުގެ ފެސިލިޓީސް ހުރި ގައުމެއްގައި ތަމްރީންތައް ފުރިހަމަ ކުރުމުގެ ފުރުޞަތު ލިބުމަކީ ދެކޭ ހުވަފެނެކެވެ. އަދި ސީނިއާ ޤައުމީ ޓީމުން ޖާގަހޯދައި އެ ޓީމުގައި މުހިންމު ނަމަކަށް އޭނާގެނަންހަދައި ޤައުމަށް ރީތި ނަން ހޯދައިދިނުމަކީ އަމާޒެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *