ކުއްލިމަރު ގިނަވުން - ޤިޔާމަތްވުމުގެ ޢަލާމާތެއް

7E9E5ADC-07B1-4DB9-9F01-924E67498784

އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިވަނީ ކުއްލި މަރު އާދަޔާ ޚިލާފަށް ގިނަވެފައެވެ. ކޮންމެ ދުވަހަކު ވެސް އާމީހެއްގެ މަރުގެ ޚަބަރު މިދަނީ ލިބެމުންނެވެ.

ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ފަތުރުވެރިންތަކެއް ކުއްލި މަރަކުން މަރުވެފައިވާ ކަމުގެ ޚަބަރު ނޫސް މަޖައްލާތަކުގެ ފަލަ ސުރުޚީތަކުގައި ވަނީ ލިޔެވިފައެވެ.

ދުޅަހެޔޮ ސިއްޙަތެއްގައި ހުރެމެ އެއްވެސް ކަހަލަ ބޮޑު ބައްޔެއް ނުޖެހި ދިމާވާ ކުއްލި ކަމަކުން މީހުން ދުނިޔެއަށް އަލްވަދާޢުކިޔުން ވެގެންދަނީ މީހުން ހައިރާންކުރުވަނިވި ކަމަކަށެވެ. މީހުންގެ މަރުގެ ޚަބަރަށް ބަލާލާއިރު ބައެއް މީހުން މަރުވެފައިވަނީ "ހާޓް އެޓޭކް" އެއް ޖެހިގެންނެވެ. ނުވަތަ ނުވަތަ "ޑައިވިން" އަށް ގޮސް އުޅުމުގެ ތެރޭގައެވެ.

ލޮބުވެތި މުސްލިމު އެކުވެރީންނެވެ! މިއީ ތިޔަ ލޮބުވެތި އެކުވެރިން ހައިރާންވާންވީ ކަމެއް ނޫނެވެ. އެމީހެއްގެ ވަގުތު ހަމަވުމުން އެމީހަކު ޖެހޭނީ ދާށެވެ. ނަމަވެސް ކުއްލި މަރު ގިނަވުމަކީ އިންޒާރެއްކަން ހަނދުމަ ނައްތާނުލާށެވެ. ޤިޔާމަތް ކައިރި ވަމުން އަންނަ ކަމުގެ ޢަލާމާތްތަކުގެ ތެރޭގައި ކުއްލި މަރު ގިނަވުން ހިމެނެއެވެ. އަނަސް ބިން މާލިކުގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ.  (إنَّ مِنْ أَمَارَاتِ السَّاعَةِ…مَوْتُ الْفَجْأَةِ) މާނައީ:

ހަމަކަށަވަރުން ކުއްލި މަރަކީ ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ.

ތިޔަ އެކުވެރިންނަކީ ބުއްދިވެރިން ކަމުގައި ވަނީނަމަ އަމިއްލަ ނަފްސު ހުށިޔާރު ކުރުވާށެވެ! ﷲގެ ޙަޟްރަތަށް ރުޖޫޢަވެ ތައުބާވާށެވެ!  ތިބާގެ މަރު ތިބާއާ ބައްދަލު ކުރުމުގެ ކުރިން ތައުބާވެ ހެޔޮޢަމަލު ކުރުންމަތީ ދެމިހުންނާށެވެ! ތިބާގެ މަރު އަންނާނީ ކިހިނެއް ކަމެއް ވެސް ނޭނގެއެވެ.

ބުއްދިވެރިޔާއީ އޭނާގެ އަމިއްލަ ނަފްސު ހުށިޔާރު ކުރުވައިގެން ހުރިމީހާއެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ރުޖޫޢަވެ، ކުއްލި މަރެއްގެ ކުރިން ތައުބާވެހުރި މީހާއެވެ.

އިމާމު ބުޚާރީ رَحِمَهُ الله ވިދާޅުވެ އުޅުއްވައެވެ.

(اغْتَنِمْ فِي الفَرَاغِ فَضْلَ رُكُوْعٍ فَعَسَى أَنْ يَكُوْنَ مَوْتُكَ بَغْتَهْ كَمْ صَحِيْحٍ رَأَيْتُ مِنْ غَيْرِ سُقْمٍ ذَهَبَتْ نَفْسُهُ الصَّحِيْحَةُ فَلْتَه)

މާނައީ: “

ރުކޫއެއް ކޮށްލުމުގައި (އެބަހީ އަޅުކަން ކުރުމުގައި) ތިބާގެ ހުސްވަގުތުގެ ބޭނުން ހިފާށެވެ. ތިބާގެ މަރަކީ އެއީ ކުއްލި ކަމެއްގެ ގޮތުގައި ވެސް ވެދާނެއެވެ. އެއްވެސް ބައްޔަކާ ނުލައި ފުރިހަމަ ޞިއްޙަތުގައިވާތީ ފެނުނީ ކިތައް މީހުން ހެއްޔެވެ. އޭނާގެ އެފުރިހަމަ ނަފްސު ކުއްލިއަކަށް ނިމިދިއައީއެވެ.“

އިބްނު ޙަޖަރު ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:]

“ އޭގެ ފަހުން ނުވަތަ ދުވަސްކޮޅަކަށްފަހު، އެކަލޭގެފާނު –އެބަހީ ބުޚާރީ- އަށް އެކަން މެދުވެރިވެގެން ދިއުމީ ޙައިރާންވި ކަމެކެވެ.“

އެހެންކަމުން ދުނިޔޭގެ ހަވާނަފުސަށް ހެއްލި ވަގުތު ބޭކާރުކޮށްލުމުގެ ބަދަލުގައި މަރަކީ ތިބާއާ ބައްދަލުކުރާނެ އެއްޗެއްކަން ދެނެގަނެ އެކަމަށް ތައްޔާރުވާށެވެ! ވަގުތަކީ ކަނޑިއެއްހާ ތޫނު އެއްޗެކެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ނުހިފައިފި ނަމަ ވަގަތު އައިސް ތިބާ ގަތުލުކޮށްލާނޭކަން ވިސްނާށެވެ!

ދުނިޔޭގައިވެސް ހެޔޮކަން، އާޚިރަތުގައިވެސް ހެޔޮކަން ދެއްވައި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާފާނދޭވެ! ސުވަރުގޭގެ މަތިވެރި ނިޢުމަތް އަޅަމެންނަށް ދެއްވާފާނދޭވެ! ޤިޔާމަތް ދުވަހުގެ އެންމެހައި ބިރުވެރިކަންތައްތަކުން އަޅަމެންނަށް އަމާންކަން ދެއްވާފާނދޭވެ!

މަސްދަރު: ދިސަލަފިއްޔާ

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

Leave a Reply to މަރިޔަމް ރައްދު ކެންސަލް

Your email address will not be published. Required fields are marked *