ބ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސް ހިދުމަތް ފަށައިފި

B Atoll Hospital

ބ. އަތޮޅު ހޮސްޕިޓަލުން ޑައިލިސިސް ހިދުމަތް ދޭން ފަށައިފި އެވެ.

ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކޮށް އަތޮޅު ތެރޭގައި މި ހިދުމަތް ފުޅާ ކުރުމަކީ ސަރުކާރުގެ ސިޔާސަތަކަށްވާއިރު، ސަރުކާރުން ގެންދަވަނީ އެ މަސައްކަތް ކުރައްވަމުން ނެވެ.

އެގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ބ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް ދިނުމަށް ހާއްސަ އިމާރާތެއް އަޅާފައިވަނީ މިއަހަރު އެވެ. އަދި މިއަހަރުގެ ތެރޭގައި މި ހިދުމަތް ދިނުމަށް ވަމުން އައި ތައްޔާރީތަކަށް ކުޑަލަސްކަމެއް އައީ އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތަަށް އިތުރު ވަގުތު ބޭނުންވާތީ އެވެ.

ޑައިލިސިސްގެ ހިދުމަތަށް ތަމްރީނުވެފައިވާ ދެ ނަރުހުން މިހާރުއެބަތިބި ކަމަށާއި އިތުރު ނަރުހުން އަންނަ އަހަރު ތަމްރީން ކުރެވިގެން ދާނެކަމަށް ވެސް އެހޮސްޕިޓަލުން ވަނީ ވިދާޅުވެފަ އެވެ.

އެ ހޮސްޕިޓަލުގެ ތަފާސް ހިސާބަށް ބަލާއިރު، ޑައިލެސިސް ހަދާ 18 އަށްވުރެ ގިނަ މީހުން އެ އަތޮޅުގައި ތިބި ކަމަށެވެ. މީގެ ތެރެއިން ގިނަ މީހުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދާއިރު،، ބައެއް މީހުން ޑައިލެސިސް ފަރުވާ ހޯދުމަށް މާލެ ވެސް އާދެއެވެ. އަދި މިކަމުގެ ސަބަބުން މި ފަރުވާ ހޯދާ ބައެއް މީހުންގެ ދިރިއުޅުން މާލެއަށް ބަދަލު ކޮށްފައި ވެސް ވެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ހެލްތް ސަރވިސް މުހައްމަދު ރަޝީދު "ތިލަދުން" އަށް ވިދާޅުވީ މި ފުރިހަމަވީ އެ އަތޮޅުގެ ރައްޔިތުން ކެނޑިނޭޅި ކުރަމުން ދިޔަ ޝަކުވާއެއް ކަމަށެވެ.

"މި އަތޮޅުގެ އާބާދީގެ ނިސްބަތުން ޑައިލެސިސް ހަދާ މީހުން ގިނަ. ގާތްގަޑަކަށް އުޅޭނެ 18 މީހުން. އޭގެ ތެރެއިން ބައެއް މީހުން މިދަނީ އުނގޫފާރަށް ޑައިލެސިސް ހަދަން. އަދި އަނެއްބައި މީހުން ދަނީ މާލެއަށް. އެއްބަޔަކު އެބަތިބި މާލޭގަ ވަޒަންވެރިވެގެން ޑައިލެސިސް ހަދަން." އޭނާ ވިދާޅުވި އެވެ.

ރަޝީދު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ޑައިލެސިސް ހެދުމަށް ކުރަން ޖެހޭ ކަމަށާއި ނަމަވެސް އެ ހޮސްޕިޓަލުން މި ހިދުމަތް ފެށުމުން އެ ހޭދައަަށް ނިމުމެއް އަންނާނެ ކަމަށެވެ. އަދި މި ފެށޭ ހަފުތާގެ އާދިއްތަ ދުވަހު، އެ ހޮސްޕިޓަލުން ފުރަތަމަ މީހާއަށް އެ ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ކިޑްނީގެ ހާއްސަ ބައްޔަކަށް ދެވޭ މި ފަރުވާ ނުވަތަ ޑައިލިސިސް މަދުވެގެން ހަފްތާއަކު ދެފަހަރު ނުވަތަ ތިން ފަހަރު ދޭން ޖެހެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި