އުއްމީދު ގެއްލިގެން އުޅެނީ އެންމެ ކަމަކާހުރެ: ރޮޒައިނާ

Rozaina Adadm

އުއްމީދު ގެއްލިގެން އުޅެނީ އެންމެ ކަމަކާހުރެ ކަމަށާއި، އެއީ ވެރިކަމާއި ބާރު ނުލިބިގެން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ރޮޒައިނާ މިހެން ވިދާޅުވީ، އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި 2022 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

ރޮޒައިނާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ، އުންމީދީ ބަޖެޓެއް ކަމަށެވެ. އަދި ވޭތުވި ހަތަރު އަހަރު ކުރި ވެރިކަމަކީ އުންމީދުން ފުރިފައިވާ ވެރިކަމެއް ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވޭތުވި ހަތަރު އަހަރުގެ ތެރޭގައި މުޅި ދިވެހި ރާއްޖޭގެ ތާރީޚްގައި ނުހިނގާ ވަރަށް ތަރައްޤީގެ މަޝްރުޢޫތައް ހިންގާފައިވާ ކަމަށެވެ.

''ކޯވިޑްގެ ވަބާއާއި، ރަޝިޔާ-ޔުކްރެއިން ހަނގުރާމަ އާއި ވެސް އެކީގައި، އެންމެ ދަތިހާލުގައި އޮތް ދުވަސްވަރު އެންމެ ގިނަ ކަންތައް ޤައުމަށްކޮށްދެއްވި ރައީސުލްޖުމްޙޫރިއްޔާ މިވަގުތު އެހުންނެވީ، ސާބަހޭ އަޅުގަނޑު ދަންނަވާނީ، ހިތާމައަކީ ގޭތެރޭގައި ތިއްބަވާ މީހުންނަށް ވެސް މިކަން ހަޖަމު ނުކުރެވިގެން އުޅޭތީ،'' ރޮޒައިނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބަޔަކު އުއްމީދު ގެއްލިގެން އުޅެނީ ރައްޔިތުންނާ ދޭތެރެއަކުނޫން ކަމަށެވެ. އަދި ރާއްޖެއަށް އަންނައޮތް ތަރައްޤީ ނައިސްގެންނެއް ވެސް ނޫން ކަމަށެވެ.

''އުއްމީދު ގެއްލިގެން އުޅެނީ ހަމަ އެންމެ ކަމަކާހުރެ، ތިމާއަށް ވެރިކަން ނުލިބޭ މައްސަލަ، އުއްމީދަކީ ބަރުލަމާނީ ނިޒާމުކަމަށް ވަންޏާ އާދެ އުންމީދެއް ނެތް، އުއްމީދަކީ ޕްރައިމް މިނިސްޓަރުކަން ކަމަށްވަންޏާ އާދެ އުއްމީދެއްނެތް،'' ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، ދިވެހި ރައްޔިތުން ތިބީ އެކަންކަން ބަލައިގަން ނޫންކަމަށާއި، ކިތައްމެ ވަރަކަށް އުއްމީދު ދޭން ބޭނުންވި ނަމަވެސް އެކަމުގައި އުއްމީދު ދެވޭނެ ގޮތެއްނެތް ކަމަށެވެ.

''އެކަމާ ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންނަށް ލިބެންހުރި ތަރައްގީއަށާއި، މިހުރިހާ ކަމަކާއި ޖައްސާލައިގެން އުޅެންވީކީ ނޫން، ހާލަތުއޮތްގޮތް ޤަބޫލު ކުރަންވީ، އެއްވެސް މީހަކަށް މުޅި އުމުރަށް ޕާޓީއެއްގައި ބަގުޑި ބައްދައިގެން ނުހުރެވޭނެކަން ޤަބޫލު ކުރަންވީ، އެއްވެސް މީހަކަށް ތާއަބަދަށް އެއްވެސް ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުހުރެވޭނެކަން ޤަބޫލުކުރަންވީ،'' ރޮޒައިނާ ވިދާޅުވިއެވެ،

ރޮޒައިނާ ވިދާޅުވީ، އެ އުންމީދުގައި ތިބޭނަމަ އުއްމީދެއް ނޯންނާނެ ކަމަށެވެ. އަދި ދުނިޔެ ދަނީ ބަދަލުވަމުން ކަމަށާއި، ޑިމޮކްރަސީ އައުމުން ''ކަލްޓަކަށް'' ހަދައިގެން ތާ އުމުރަކަށް ނޫޅެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

''ޖެހިގެން މިއުޅޭ މައްސަލައަކީ، މިއޮއްހާ ދުވަހު ވަކި ބަޔަކު އެމްޑީޕީގައި ބަގުޑި ބައްދައިގެން ތިބެފައި، ރައްޔިތުން ޑިމޮކްރަސީ ދަސްވެ އަމިއްލަ ފައިމައްޗަށް ތެދުވެ، ބަސް ބުނަން ފެށީމަ، ހިތުގައި އޮންނަ އެތި ބުނަންފެށީމަ ހަޖަމު ނުވަނީ،'' ރޮޒައިނާ ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި