ނޭކުރެންދޫ ސުކޫލުގައި ދިވެހި މުދައްރިސަކު ނެތި 2 އަހަރު! ޝަކުވާ އަތޮޅު ކައުންސިލަށް

Hdh atoll council

ހދ. ނޭކުރެންދޫ ސުކޫލުގައި ދިވެހި ކިޔަވައިދޭނެ މުދައްރިސަކު ނެތުމުން އެކަމުގެ ޝަކުވާ، ހދ. އަތޮޅު ކައުންސިލްގައި ކޮށްފި އެވެ.

ހދ. އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ވަނީ އެރަށަށް ޒިޔާރަތްކޮށް އެރަށުގެ މުވައްސަސާތަކާއި ބައްދަލު ކުރަމުންނެވެ.

އެގޮތުން ނޭކުރެންދޫ ސްކޫލުގެ ސީނިޔަރ މެނޭޖްމަންޓާއި ބައްދަލުކުރެއްވުމުން، އެސުކޫލުގައި ދިވެހި ކިޔަވައިދޭނެ ދާއިމީ ޓީޗަރަކު ނެތުމުން އެކަން ވީހާވެސް އަވަހަކަށް ފަހިކޮށްދެއްވުމަށް އެދިފައިވެ އެވެ.

މި ނޫހަށް ވާހަކަ ދައްކަމުން ހދ. އަތޮޅު އެކައުންސިލްގެ މެންބަރަކު ވިދާޅުވީ، އެސުކޫލުގައި މިހާރު ދިވެހި ކިޔަވައިދެމުން އަންނަނީ ރިލީފް ޓީޗަރެއްކަމަށާއި ދާއިމީ ދިވެހި މުދައްރިސެއް އެސުކޫލުގައި ނެތުމަކީ އެ ސުކޫލްގެ މެނޭޖްމަންޓް އާއި ބެލެނިވެރިންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށެވެ.

ދާއިމީ މުދައްރިސަކު ނެގުމުގެ މަރުހަލާ އެޑިއުކޭޝަން މިނިސްޓްރީގައި މިހާރު ކުރިއަށް ދާކަމަށާއި އެކަން ކުރިއަށް ދަނީ ވަރަށް ލަހުން ކަމަށް ސުކޫލާއި ހަވާލާދީ އެމެންބަރު ވިދާޅުވި އެވެ. ހދ. އަތޮޅު ކައުންސިލުން ވަނީ އެސުކޫލުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރާނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި ސްކޫލަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް ހިއްސާކޮށް ދެފަރާތް ގުޅިގެން ޙައްލުކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާ ކުރެވިފައިވާކަމަށް ހދ. އަތޮޅު ކައުންސިލުން ވިދާޅުވި އެވެ.

"161 ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާ ނޭކުރެންދޫ ސްކޫލްގައި 2 އަހަރުވީ ދިވެހިބަސް އުނގަނަނައިދޭ މުދައްރިސެއް ނެތް، މީ ކަންބޮޑުވާންޖެހޭ ކަމެއް, ދިވެހިބަހަކީ އަހަރުމެންގެ މާދަރީ ބަސް،"

ކަންބޮޑުވުން ފާޅުކުރައްވަމުން ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޒިންމާ ތަކާއި މެދު ސުވާލު އުފައްދާ އެސުކޫލުގެ ގިނަ އަދަދެއްގެ އަންހެން ބެލެނިވެރިން ވަނީ މިއަހަރުގެ ފެބުރުއަރީ މަހު މުޒާހަރާވެސް ކޮށްފަ އެވެ.

"ލޯބިވާ އެޑިއުކޭޝަން މިނިސްޓަރ އަށް، ވެދުން ސަލާމަށްފަހު ދަންނަވަމެވެ. އަޅުގަނޑުމެން ނޭކުރެންދޫ ސްކޫލުގެ ބެލެނިވެރިން އެދި އާދޭސް މިދަންނަވަނީ ނޭކުރެންދޫ ސްކޫލްގެ ދަރިވަރުންގެ ހައްޤުތައް ހޯދައިދެއްވުން. އިޙްތިރާމް ގަބޫލުކުރެއްވުން އެދެން، ނޭކުރެންދޫ ސްކޫލުގެ ބެލެނިވެރިން"

ބެލެނިވެރިއަކު ހިފަހައްޓައިގެން ހުރި ޕޯސްޓަރެއްގައި ލިޔެފައި ވެއެވެ.

އެ ސުކޫލުގައި ދިވެހި މުދައްރިސެއް ނެތުމުން ދަރިވަރުންގެ މުސްތަގުބަލު ބަނަވަމުން އަންނަކަމަށާއި ސެކަންޑަރީ މުދައްރިސަކު ނޭކުރެންދޫ އަށް މުހިއްމުކަމަށާއި ސާނަވީ ތަޢުލީމް ހުރިހާ ދަރިވަރުންނަށް ބޭނުންވާ ކަމަށް އެއްވުމުގައި ބައިވެރިވި ބެލެނިވެރިން އަޑު އުފުލާފައިވެއެވެ.

ދިވެހި ކިޔަވައިދޭނެ މުދައްރިސަކު ނެތުމުން، ނޭކުރެންދޫ ސުކޫލު ބެލެނިވެރިން މުޒާހަރާކޮށްފި

މީގެ އިތުރުން ދިވެހި މާއްދާ އަކީ މަޖުބޫރު މާއްދާއަކަށް ނުވަނީތޯ ބެލެނިވެރިން ވަނީ ސުވާލުއުފައްދާފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. އަތޮޅު ރައީސް ނޯޓް ފޮތް ހިފައިގެން އިނީމަ ދޯ ؟ ނޭކުރެން ދޫ ސްކޫލް އިންވެސް ދިވެހިޓީޗަރެއް ނެތީމަ، ޝަކުވާ އތޮޅު ކައުންސިލް އަށް ލިއުމުން ހުށަނޭޅެނީ ބާ އެހާދުވަސްވަންދެން ބަޔަކު އަންނަންދެން މަޑުކުރީ ؟

Leave a Reply to ސޮރު ރައްދު ކެންސަލް

Your email address will not be published. Required fields are marked *