ތިލަދުންމަތީގެ ގިނަ ރަށްތަކަކަށް އުދަ އަރާ ބޮޑެތި ގެއްލުންތަކެއް ވަނީ

ހދ. ވައިކަރަދޫއަށް އުދަ އަރަނީ، ފޮޓޯ: އާދަމް ވަހީދު
ހދ. ވައިކަރަދޫއަށް އުދަ އަރަނީ، ފޮޓޯ: އާދަމް ވަހީދު

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ތިލަދުންމަތީގެ ގިނަ ރަށްތަކަކަށް އުދައަރާ އެކިވަރުގެ ގެއްލުން ވަމުން އެބަދެއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމާއި އެކު ވައިގަދަ ވާނެ ކަމަށް ލަފާ ކޮށް ނެރެފައިވާ ރީނދޫ ސަމާލުގެ ވަގުތު ތިންވަނަ ފަހަރަށް ދައްމާލާފައިވާއިރު، ތިލަދުންމަތި ހިމެނޭ ސަރަހައްދަށް ވަރަށް ބޮޑަށް ވަނީ މޫސުން ގޯސްވެފަ އެވެ.

ޖުމްލަ ގޮތެއް ރަށްތަކަށް ދިމާވަމުން ދަނީ އުދައެރުމާއި، ފަޅުތެރެގަދަވެ، އޮޑި ދޯނިފަހަރަށް ގެއްލުންވުމާއި، ގަދަ ވިއްސާރައާއި ވައިގެ ސަބަބުން ގޯތި ގެދޮރަށް އެކިވަރުގެ ގެއްލުންތައް ވަމުންދިޔުމާއި، ގަސްގަހާ ގެހިވެއްޓި، ދަނޑު ބިންތަން ހަލާކުވަމުން ދިޔުމެވެ. ބައެއް ރަށްރަށަށް ވަނީ ވަރަށް ބޮޑަށް އުދަ އަރައި ގެއްލުން ވެފަ އެވެ. ބައެއް ރަށްރަށުގެ ގޭތަކުގެ ފުރާޅުވެސް ވަނީ ގަދަ ވަޔާ އެއްލާލާފަ އެވެ.

ރާއްޖޭގެ އެންމެ އުތުރުން ތުރާކުނަށް އުދައަރަމުންދާތީ ރައްޔިތުން ސަމާލުވުމަށް އެރަށު ކައުންސިލުން ވަނީ އެދިފައެވެ.

ހޯރަފުއްޓަށް ބަލާއިރު އެރަށަށް ވަނީ ވަރަށް ބޮޑަށް އުދަ އަރާ މުދަލަށާއި ތަކެއްޗަށް ގެއްލުންތައް ލިބިފަ އެވެ. މުޅި ހޯރަފުށި ތެރެއަށްހެން އުދައިގެ ރާޅުވަނީ ދެމިގެންފައެވެ. މީގެއިތުރުން އެރަށުގެ އެއާޕޯޓަށް ވެސް ވަނީ ބައެއް ގެއްލުން ވެފަ އެވެ. މީގެތެރޭގައި އެއާޕޯޓް ޓާމިނަލްގެ ފުރާ ގިމަތައިގެ ދޮރާށި ވެއްޓި އެއްކޮށް ފުނޑުފުނޑުވެ ޓާމިނަލް އިމާރާތުގެ ސީލިން ވެއްޓި ވަނީ ގެއްލުންވެފަ ވެއެވެ. އަދި މުވައްޒަފުން ތިބޭ އިމާރާތުގެ ސީލިން ވެސް ވަނީ ވެއްޓިފައެވެ.

"ރަންވޭ މަތީ އޮތީ ހުސް ގަލާވެލި، ހުޅަނގުފަރާތުން އަރާ ރާޅު ދަނީ ރަންވޭ ހުރަސްކޮށް، ވެލިގަނޑު ވެސް އޮތީ ވަރަށް ބޮޑަށް ކަނޑައިގެން ގޮސްފަ" ހޯރަފުށީ އެއާޕޯޓުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އިހަވަންދޫއަށް ވަނީ ވަރަށް ބޮޑަށް އުދައަރާ ބައެއް ގޭތަކަށް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ވެފަ އެވެ. އެރަށުގެ ބަނދަރު ތެރެއަށް އުދައިގެ ރާޅުތައް ވައްދާލައި، ވަރަށް ގަދަވިއެވެ. އޮޑި ދޯނިފަހަރު ސަލާމަތްކުރަން އެރަށުގެ މަސްވެރިންނާއި ރައްޔިތުން ވަރަށް ހާލުގައި ވަނީ މަސައްކަތް ކޮށްފައެވެ.

ހއ. އަތޮޅުގެ ވެރިރަށް ދިއްދޫއަށް ވެސް ވަނީ ވަރަށް ބޮޑަށް އުދަ އަރާފަ އެވެ. އެ ރަށުގެ ތެރެއަށް ދެމިގަތް ލޮނުގަނޑު ގޭތަކަށް ވަނަނުދިނުމަށް ރައްޔިތުންނާއި، ކަމާބެހޭ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެރަށުން "ތިލަދުން"އަށް މަޢުލޫމާތު ހިއްސާކުރި މީހަކު ބުންޏެވެ.

ދިއްދޫއަށް އުދަ އަރާފައި، ފޮޓޯ: ސައީދު

އެ އަތޮޅު ބާރަށަށް ވެސް ވަނީ އުދަ އަރާފަ އެވެ. ބާރަށު ކައުންސިލްގެ ނައިބު ރައީސް ޢަލީ ޝަމީމް ވިދާޅުވީ އެރަށުގެ ބަނދަރު ސަރަހައްދަށާއި، ރަށުގެ އަތިރި މައްޗަށް އެއްކޮށް އުދަ އަރާފަވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ރަށުތެރެއަށް އަދި ލޮނުގަނޑު ނުފޯރާ، އެހެންނަމަވެސް ގަދަވަޔާ ރަށުތެރެއަށް އެކިވަރު ގެއްލުން ވެފަ ވަނީ، ބައެއް ގޭގޭގެ ފުރާޅުތައް އެއްލާލައި، ރުއްގަސް ވެއްޓި އެކަހަލަ ގެއްލުން ދަނީ ލިބެމުން" ޢަލީ ޝަމީމް ވިދާޅުވިއެވެ.

ހދ. އަތޮޅު ވައިކަރަދޫއަށް ވެސް އުދައަރާ، ގަދަ ވިއްސާރައިގެ ސަބަބުން ވަނީ އެކި ވަރު ގެއްލުންތައް ވެފައެވެ. އަދި އެރަށުގެ ފަތްކެޔޮ ދަނޑުތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.

ކުޅުދުއްފުށީ ސިޓީއާއިއަށް ވެސް ވިއްސާރާގައި އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އެ ސިޓީގެ ބައެއް ގޭތަކުގެ ފުރާޅުވެސް ވަނީ އެއްލާލާފަ އެވެ.

އެ އަތޮޅު ނެއްލައިދޫއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ކުމުންދޫ، ހަނިމާދޫ، ނޮޅިވަރަމް ފަދަ އެހެން ރަށްތަކަށް ވެސް ވަނީ ގެއްލުން ވެފައެވެ.

ށ. އަތޮޅުގެ އެކިރަށްތަކަށް ވެސް ދަނީ އެކިވަރުގެ ގެއްލުން ވަމުންނެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ދެންމެ ބުނިގޮތުގައި، އެ އިދާރަށް ރިޕޯޓު ލިބިފައިވާ ގޮތުން ހއ. ހޯރަފުއްޓާއި ހއ. އުލިގަމާއި ހއ. ތުރާކުނާއި ހއ. ދިއްދޫ އަދި ށ. މިލަންދޫ އާއި ށ. ފުނަދޫގެ އިތުރުން ށ. ކޮމަންޑޫ އަށް ދަނީ އުދަ އަރަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި